ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަމަލުކުރީ ބޭއިންސާފުން ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީލް ވިދާޅުވީ އަޒްމިރަލްދާގެ ފަރާތްޕުޅުން ހުށަހެޅި ޝަފައީ ހެކިތައް ބަލައިނުގަތުމަށް ޖޭއެސްސީން ނިންމި ކަމަށާއި އެ ހެކިތަކަށް ބަލާލުމުން ކޮމިޝަނުން ކުރަނީ ތަހުގީގެއް ނޫން ކަމާއި ކުރަންޖެހޭ ތުހުމަތެއް ވެސް ނެތްކަން ކޮމިޝަނަށް ވެސް ސާފުވާނެ ކަމަށެވެ.
"އެ މިންވަރުގެ ސާފު ކަމެއްގައި ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަންނަން ކޮމިޝަނުން ނިންމެވިއިރު، މީގެ ހެއްވާ ކަމަކީ ކޮމިޝަނުން ބޭނުންވީމަ އެ ހެކިތަކުން ރިޔާއަތްކުރަން ބޭނުންވާ ތަންކޮޅު ކޮމިޝަނަށް މުހިއްމުވޭ، ބޭނުން ކުރެވޭ،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ޖޭއެސްސީން މި ނިންމުން ނިންމާފައިވާ ގާނޫނުގައި ބަޔާންކޮށްފައިވާ އަދުލު އިންސާފުގެ އުސޫލާއި ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެގޮތުން މި މައްސަލައިގައި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި ނުހިމެނޭ މުޅިން އާ ކަންކަން ފައިނަލް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި ލިޔުމުން އަޒްމިރަލްދާ ޖަވާބުދާރީވެވަޑައިގެންނެވި ނަމަވެސް އެކަން ވެސް ކޮމިޝަނުން ބަލައިގެންފައި ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
"ކޮމިޝަނުން މި ނިންމެވި ނިންމުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޭގެ ޒާތުގައި އިންތިހާއަށް ބޭއިންސާފު ނިންމުމެއް. މިއީ ފަނޑިޔާރުގެ މައްޗަށް ތުހުމަތު ކުރަންޖެހޭ އަސާސެއް ވެސް އޮތް ކަމެއް ނޫން،" ޝަމީލް ވިދާޅުވި އެވެ.
ޖޭއެސްސީން މައްސަލަ ނިންމީ އެއްވެސް ހެއްކެއް ގަރީނާއެއް އޮވެގެން ނޫން ކަމަށާއި އަޒްމިރަލްދާގެ ފިރިކަލުން ބަންދުގައި ހުއްޓާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާއި އެއްވެސް މުއާމަލާތެއް އަޒްމިރަލްދާ ކުރައްވާފައި ނުވާނެ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.