Last Updated: May 7, 20:47
Wednesday, May 7, 2025
ޚަބަރު

ކަންކަން ހަމަމަގަށް އަޅުވަން ނިކުންނަންވީ މަގުމައްޗަށް

މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ހޯދަން ސަރުކާރުން ކުރާ މަސައްކަތް ބަލައިނުގަންނަ ކަމަށާއި ކަންކަން ހަމަމަގަށް އަޅުވަން އެންމެން ނިކުންނަންވީ މަގުމައްޗަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ނިންމާފަ އެވެ. މަޖިލީހުގެ އިއްޔެ ޖަލްސާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ ސަރުކާރުން ޖުޑީޝަލް ސާވިސް ކޮމިޝަން ހައިޖެކްކޮށް، ރާއްޖޭގެ ޖުޑީޝަރީއަށް އަތްބާނާ ކުރަމުންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިސްތިއުފާދޭން ޖެހޭ ހާލަތަށް ފޮނުވާ، އިތުރު ދެ ފަނޑިޔާރަކު ފްރޭމްކޮށް ސަރުކާރުން ބޭނުންވާ މަސްލަހަތު ހިމާޔަތްކުރާނެ "ބޮޓުން" ސުޕްރީމް ކޯޓަށްލާން ކުރާ މަސައްކަތް އެއްގޮތަކަށް ވެސް ބަލައި ނުގަންނާނެ ކަމަށް އައްދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުފާދެއްވި ފަނޑިޔާރު އަދި ބާކީ ތިބި ފަނޑިޔާރުންނަށް އިތުބާރު ކުރަން. އަޅުގަނޑަށް ވަނީ އެމްޑީޕީ އަދި ސަރުކާރު ހިންގާ ޕާޓީގެ ބައެއް ފަރާތްތަކުގެ ވާހަކަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބެހޭގޮތުން އަޑު އިވިފައި. ދެ ޕާޓީގެ ވެސް ކަންބޮޑުވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާއްސަކޮށް އިސްތިއުފާދެއްވި ފަނޑިޔާރު އަދި ވަކި ކުރަން މި އުޅޭ ފަނޑިޔާރުން އެމީހުން ބޭނުންގޮތަކަށް ކަންކަން ފަހިކޮށް ނުދޭ ވާހަކަ. ޑީލެއް ނުހެދޭ ވާހަކަ. އެކަމަށް ފުރުސަތު ނުދޭ ވާހަކަ،" އައްދު ވިދާޅުވި އެވެ.

އައްދު ވިދާޅުވީ ސަރުކާރުން ތެޅިގަނެގެން ސުޕްރީމް ކޯޓުގެ ބެންޗާއި ކުޅެ ކޯޓަށް ބޮޓުންލާން އުޅެނީ ކީއްކުރަންކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ. އެގޮތުން އޮތީ މައިގަނޑު ތިންކަމެއް ކަމަށާއި ފުރަތަމަ ކަމަކަށް މަޖިލިސް މުށުތެރެއަށް ލައިގެން އުޅޭގޮތަށް ކޯޓުގެ ކޮންޓްރޯލް ސަރުކާރުގެ އަތްމަތީ ބޭއްވުމާއި، ކާޑެއް ޖަހާލަން ޖެހޭ ގަޑީގައި ޖެހޭ ހާލަތުގައި ބޭއްވުމާއި ކޯޓަށް ހުށަހެޅިފައިވާ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސަރުކާރުން އެދޭ ގޮތަށް ނިންމުން ކަމަށް އައްދު ވިދާޅުވި އެވެ. އަދި ވެރިކަމަށް ދެވަނަ ދައުރަކަށް އައުމަށް ހުރަހަކަށް ވެދާނެ ބޭފުޅަކު ނޫނީ ބޭފުޅުން ޖަލަށްލުމަކީ އޭގެ ބޭނުމެއް ކަމަށް އައްދު ވިދާޅުވި އެވެ.

"މިކަން މިހެން ކޮށްފިނަމަ އަޅުގަނޑު ދަންނަވަން ދިވެހި ރައްޔިތުންނަށް ދެން މަގުމަތިން ނޫނީ އިންސާފެއް ނުލިބޭނެ. އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ކުރާނެ ކަމެއް ވެސް ނެތް. އެންމެން ނުކުންނަންވީ މިކަންކަން ހަމަމަގަށް އަޅުވަން މަގުމައްޗަށް،" އައްދު ވިދާޅުވި އެވެ.