Last Updated: May 7, 21:21
Wednesday, May 7, 2025
ދުނިޔެ

އިންޑިއާ އިން ޕާކިސްތާނަށް ހަމަލާތަކެއް ދީފި

އިންޑިއާ އިން ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

އިންޑިއާ އިން މި ހަމަލާ ދީފައި ވަނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލުމުން އޭގެ ރައްދުގަ އެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް) އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.

އިންޑިއާ ސަރުކާރުން ބުނީ 'އޮޕަރޭޝަން ސިންދޫރު' ގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފައި ނުވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

މި ހަމަލާގައި ހަތް މީހަކު މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ދެ ކުއްޖަކު ހިމެނޭ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އަދި އިންޑިއާގެ ދެ ޖެޓަކާއި ޑްރޯނެއް ވައްޓާލާފައިވާ ކަމަށްވެސް ޕާކިސްތާނުން ބުނެ އެވެ.

އިންޑިއާ އިން ދިން ހަމަލާއަށް ރައްދު ދޭނެ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފަ އެވެ.

ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އޭގެތެރޭގައި އިންޑިއާ ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުން ހިމެނެ އެވެ.