Last Updated: May 7, 21:21
Wednesday, May 7, 2025
ކުޅިވަރު

ބާސާ ރޮއްވާލައި އިންޓަ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާ 4-3 އިން ބަލިކޮށް އިންޓަ މިލާނުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އިންޓަ ފައިނަލަށް ދަތުރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް އިންޓަ އިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން އިންޓަ އިން ލީޑުނެގީ 21 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ އިން ލީޑުފުޅާކުރީ ޕެނަލްޓީ އަކުން ހަކަަން ޗަނޮނޯލޫ ޖެހި ގޯލުންނެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބާސާއިން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. އެގޮތުން، ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނިޓްގައި ޖެރާޑް މާޓިން ނެގި ހުރަހަކުން އެރިކް ގާސިއާ އެވެ. އޭގެ އިރުކޮޅެއް ފަހުން ބާސާއަށް ނަތީޖާ އެއްވަރުކޮށްދިނީ ޑެނީ އޮލްމޯ އެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 87 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު ބާސާ މޮޅުވާން ދަނިކޮށް އިންޓަ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ފްރެންޗެސްކޯ އަޗޭބީ އެވެ.

ނަތީޖާ ނެރެން އިތުރު ވަގުުތުގެ ދެ ހާފު ކުޅުނުއިރު، އިންޓަ އިން 99 ވަނަ މިނިޓްގަައި ލަނޑު ޖެހީ، އޭރިއާތެރެއިން ޑޭވިޑޭ ފްރަޓޭސީ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް އެއްވަރުކޮށްދޭން ރޮބަޓް ލެވެންޑޯސްކީއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވާއިރު، ޔަމީން ޔަމާލް ފޮނުވާލި ދެ ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންޓަގެ ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށްފަ އެވެ.

މި މަހު 31 ގައި ކުޅޭ ފައިނަލުގައި އިންޓަ އިން ކުޅޭނީ ޕީއެސްޖީ ނޫނީ އާސެނަލާ އެވެ.