ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ދެއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޮއްޓަރު ހުރި ވާހަކައެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެންދިޔައީ ފޭރާން ދަށް އަދި ހަގީގީ ސުވާލެއް ކުރިމަތި ކުރުމުން އެ ސުވާލުން ރެކިވަޑައިގަންނަވަން ވެސް އެނގިވަޑައިނުގެން، ގޮސް ހުސްވެގެން އެންމެފަހުން "ތިމަންނަޖެހޭނީ ތިކަން ބަލާލަން" ވިދާޅުވިތަން ކަމަށެވެ.
ބޮޑެތި ސީރިއަސް މައްސަލަތަކުގައި ރައީސް މުއިއްޒު ޖަވާބު ދެއްވީ މިގޮތަށް ކަމަށާއި ރައްޔިތުންނަށް އުނދަގޫވެފައި ހުރި އެއްވެސް ކަމަކަށް ޖަވާބެއް ނުދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދެއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ މަޒުމޫނެއް ލިޔާއިރު ވެސް އެއަށް ގިނަ މާކްސް ލިބޭނީ އެ ދިގުވެގެން ނޫން ކަމަށާއި އޭގެ ބަދަލުގައި މާކްސް ދޭއިރު ބަލާނީ އެ އެއްޗެއްގައި ހުންނަ އޮއްޓަރަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި 14 ގަޑިއިރުގެ ތެރެއިން އޮއްޓަރު ހުރި ޖައުހަރީ ވާހަކަތަކެއް އަޑެއް ނީވުނޭ. އެއަށް އަޅުގަނޑުމެން އިންތިޒާރުކުރީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ދެއްވި ނޫސްވެރިންގެ ބައްދަލުވުން މޮޅުވެގެން ވާހަކަ ދައްކާ ފަރާތްތަކުން ވެސް އޭގެ ކޮންޓެންޓަށް ބަހެއް ބުނާތަން ނުފެންނަ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.