ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން ވައްދަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާ ވަގަށް ވަގަށް ނައިގެން އެ ޕާޓީ އަށް ބަޔަލު ވައްދާފައި ވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙުސާން އިއުތިރާފުވެވަޑައިގެންފައިވާތީ އެ މައްސަލަ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މައްސަލަ އޭސީސީ އަށް ހުށަހެޅީ އެމްޑީޕީގެ އުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ، ޑީއެންއާރުގެ ތެރޭގައި ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ށްފައިވާ ކަމަށް، މިނިސްޓަރު އިޙުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި އެ ފޯމުތަކުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައި ވަނީ ފޯމުތަކުގައި ތަފުސީލު ދީފައިވާ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކަމަށް މިނިސްޓަރު އިޙުސާން ވިދާޅުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މާޒު ސަލީމް އިއްޔެ އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނީ މިނިސްޓަރު އިޙުސާން އިސްވެ ހުންނަވައި، ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން ވެއްދުމަކީ، މަގާމުގެ ނާޖާއީޒު ފައިދާ ނެގުން ކަމަށެވެ.
އެގޮތުން އެންޓި ކަރަޕްޝަންގެ ޤާނޫނާ ޚިލާފަށް ދައުލަތުގެ ތަކެއްޗާއި، ވަސީލަތްތަކާއި، މީހުންގެ ޒާތީ މަޢުލޫމާތާ އަދި ދައުލަތުގެ ޢިމާރާތެއް ބޭނުންކޮށްގެން ފޯމުތައް އިލެކްޝަން ކަމިޝަން (އީސީ) ހުށަހަޅައި، އަދި އެ ކަމިޝަނުން އެ ފޯމުތައް ބަލައިގަނެ، ފޯމުތަކުގައިވާ މީހުން ޕީއެންސީގެ މެމްބަރުންގެ ދަފުތަރުގައި ރެޖިސްޓުރީކޮށްދީފައި ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ހޯމްލޭންށް މިނިސްޓްރީގެ ތެރޭގައި މިނިސްޓަރު އިޙުސާން ހިންގާފައިވާ އެ ޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށްވާތީވެ، އޭސީސީން އެ މައްސަލަ ޖިނާއީ މަސްއަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް މާޒު ސަލީމް އެދިފައިވެ އެވެ.