އަންނަ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މާލެ ސަރަހައްދުގައި ފަށާނެ ކަމަށާއި އޭގެ ސަބަބުން ޕަބްލިމް ޓްރާންސްޕޯޓްގެ ހިދުމަތަށް ވަރަށް ހެޔޮ، ފަަސޭހަ ބަދަލުތަކެއް އަންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް، މެންބަރުން ކުރިމަތިކުރި ސުވާލުތަކުގެ ތެރެއިން ޓެކްސީ ހިދުމަތާ ބެހޭ ގޮތުން ވިދާޅުވީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު ޓެކްސީ ދުއްވާ ޑްރައިވަރުންގެ އަހްލާގު ވެސް ރަނގަޅުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބޭ ޝަކުވާތައް އަބަދު ވެސް ލިބެމުން އަންނަ ކަމަށާއި ޓެކްސީ ގަވައިދެއް އޮތް ނަމަވެސް ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރަމުން އަންނަނީ އެ ބަޔަކު ބޭނުން ވަގުތެއްގައި ކަމަށެވެ.
"ކަސްޓަމަރުން ބޭނުންވާ ގަޑީތަކަކީ މުހިއްމު ގަޑިތަކެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
އަމީންނ ވިދާޅުވީޓެކްސީއަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތަކަށްވާތީ ކޮންޓްރޯލް ނިޒާމެއްގެ ދަށުން ހިދުމަތް ދޭން ފެށުމުން މިހާރު ދިމާވެފައި ހުރި ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ.
"ޓެކްސީ ގަވައިދުގައި ކަނޑައެޅިގެން އެބަ ބުނޭ މީ ކެމެރާ ކުރެވެން ޖެހޭނެއޭ. ނޫނިއްޔާމުން ޓެކްސީ ޑްރައިވަރުން ވަކި ކަސްޓަމަރުންނަށް ވަކި ހިދުމަތްތަކެއް ދޭން ޖެހޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ނަމަވެސް މި ޑިސްޕްލިން ގެނެވިފައެއް ނެތް. މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް."
އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަކީ ޑިސްޕްލިން ދައްކުވައި ދޭނެ ހިދުމަތަކަށް ވާނެ ކަމަށެވެ.
ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނާތީ ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަަރުކާރަށް ގޮވައިލަމުންނެވެ.
ޓެކްސީ ލައިންގެ ހިދުމަތް ސަރުކާރުން ދޭން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.