ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އިމްތިއާޒް އަލީ ލިޔެ، ޕްރޮޑިއުސްކުރާ ސީރީޒް "އޮ ސާތީ ރޭ" ގެ ޝޫޓިން ނިމުމާ ގާތްވެއްޖެ އެވެ.
ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައި ދޭނެ މި ސީރީޒްގެ ފަހު ޝޫޓިން ޝެޑިއުލް އިއްޔެ އިން ފެށިގެން ކުރިއަށް ދަނީ މުސޫރީގަ އެވެ.
"އޮ ސާތީ ރޭ" ގެ ލީޑް ކާސްޓްގައި ހިމެނެނީ މިދިޔަ އަހަރު އެންމެ ޓްރެންޑްވި އިންޑިއާގެ ސީރީޒް ކަމަށްވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ގެނެސްދިން "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ މުހިއްމު ރޯލެއް ކުޅުނު އަދިތީ ރާއޯ ހައިދަރީ އާއި އަވިނާޝް ތިވާރީގެ އިތުރުން އަރުޖުން ރާމްޕާލް އެވެ.
އަވިނާޝް އަކީ "ލައިލާ މަޖްނޫ" އާއި ""ބުލްބުލް" އަދި "މަގްދާއޯ އެކްސްޕްރެސް" ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ދަ މެހެތާ ބޯއިސް" އެވެ.
އިމްތިއާޒް ޕްރޮޑިއުސްކުރާ ފުރަތަމަ ސީރީޒްގެ ބަތަލާގެ ރޯލު އަދިތީ އަށް ލިބުނު އިރު، ރަންބީރް ކަޕޫރާއި ނަރްގިސް ފަޙްރީއާ އެކު އޭނަ 2011 ގައި ގެނެސްދިން ފިލްމު "ރޮކްސްޓާ" ގެ ރޯލެއް އަދިތީ ކުޅެފައިވެ އެވެ.
އިމްތިއާޒް އަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ހައިވޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފީޗާ އަކީ މިދިޔަ އަހަރު ދިލްޖީތު ދޮސަންޖަނާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.
އިމްތިއާޒްގެ ކޮއްކޮ އާރިފް އަލީ ޑައިރެކްޓްކުރާ "އޮ ސާތީ ރޭ" ގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، މި ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ. އެކަމަކު އެއީ ކިހާ ތާކު ކަމެއް އަދި ނޭނގެ އެވެ.