Last Updated: May 8, 02:27
Wednesday, May 7, 2025
ޚަބަރު

އަމާޒަކީ އިސްލާމިކް ފައިނޭންސް ކުރިއެރުވުން

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (މިސްފީ) އިފުތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ ވެސް އަބުރުވެރިކަމާއި ގަދަރުވެރިކަމާ މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު ފަހިވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ޙަގީގީ ތަރައްގީ އަށް ވާސިލުވުމަށް މުހިއްމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިސްފީއާ އެކު ރާއްޖޭގެ މާލީ ދާއިރާ އާއި މަދަނީ ޖަމްޢިއްޔާތަކާއި ދެމެދު ގުޅުންތައް ބަދަހިކުރެވި މުޖުތަމަޢުގައި ތިބި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެ ކަމަށެވެ

"މިކަން ހަގީގަތަކަށް ހެދުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ. "މި އަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރާއިރު ޤައުމެއްގެ ތަރައްޤީ ހަމައެކަނި މިންކުރެވެނީ އެ ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި، އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ޙާސިލުވާ އަމާޒެއްކަން ޤަބޫލު ކުރަން ޖެހޭ."

އެ މަނިކުފާ ވިދާޅުވީ އަމާޒަކީ ޑިޖިޓަލް އިގުތިސާދީ ބަދަލުތަކާ އެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުން ކަމަށާއި މިސްފީ އަކީ މާލީ ކަންކަމުގައި ބައިވެރިވުން އިތުރުކޮށް، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިއްމު ކަންކަން ހާސިލް ކުރުމަށް ވެސް އެހީތެރި ވެދޭނެ މަސައްކަތެއް ކަމަށެވެ.