އައްޑޫން ގޯތި ދޫކުރަން ހުއްޓުވަން އުޅޭ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މަރަދު އާއި މަރަދޫފޭދޫން ދޫކުރާ ގޯއްޗަށް ކުރިމަތިލާން މީގެ ދެ ދުވަސް ކުރިން ކައުންސިލުން ހުޅުވާލާފައި ވަނިކޮށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ރައްޔިތުންނާ ގުޅުން އޮތް މިފަދަ މުހިންމު ކަމެއް ނުފޫޒާއި ބާރުން ހުއްޓުވާލަން މަޝްވަރާ ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
"އަދި އެފަދަ ކަމަކީ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ވެސް ނޫން." އިތުރު ތަފުސީލެއް ނުދެއްވައި މޭޔަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ގޯތި ދޫކުރަން ނިންމުމަކީ ކައުންސިލުން ރައްޔިތުންނަށްޓަކައި ކުރަމުން ގެންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެގޮތުން މަރަދު އާއި މަރަދޫފޭދޫން ޖުމްލަ 251 ގޯތި ދޫކުރަން އިއުލާންކޮށްފައިވެ އެވެ.
"މިއީ މިގޮތަށް ގޯތި ދިނުމަށް ފާއިތުވެ ދިޔަ 35 އަހަރުތެރޭ މި ދެ އަވަށުގެ ރައްޔިތުންނަށް ކޮށްދެވޭ އެންމެ ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެއް." ނިޒާރު ވިދާޅުވި އެވެ.
މަރަދޫ ހިއްލކި ބިމުން 175 އަދި މަރަދޫފޭދޫ ހިއްކި ބިމުން ހުޅުވައިލި 76 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 24 އާ ހަމައަށެވެ. އެއީ 1،500 އަކަފޫޓްގެ ގޯއްޗެވެ.
އެ ދެ އަވަށުން ގޯއްޗަށް ހުޅުވައިލި އިރު 2023 ގައި އައްޑޫގެ އަނެއް ހަތަރު އަވަށުން 1،000 ގޯތި ދޫކޮށްފައިވެ އެވެ. އެއީ ހިތަދޫން 500، ފޭދޭން 300، ހުޅުދޫން 100 އަދި މީދޫން 100 ގޯއްޗެވެ. ހުޅުދު އާއި މީދޫން 2،000 އަކަފޫޓްގެ ގޯތި ދޫކުރި އިރު، ހިތަދު އާއި ފޭދޫން ދޫކުރީ 1،500 އަކަފޫޓްގެ ގޯއްޗެވެ.
ރާއްޖޭގެ އެކި ރަށްރަށުން ބަންޑާރަ ގޯތި ދޫކުރަމުން އަންނަ އިރު، މިހާރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މައިގަނޑު ސިޔާސަތަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި، ފްލެޓާއި ހައުސިން ޔުނިޓްތައް ދޫކުރުމެވެ. އެގޮތުން އަތޮޅު ތެރޭގައި 40،000 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލާފައި އިރު، އައްޑޫގައި ވެސް ހައުސިން ޔުނިޓްތައް އަޅަން ހަމަޖެހިފައިވެ އެވެ.
އައްޑޫގައި ހައުސިން ޔުނިޓް އަޅާ އަދަދު:
* ހިތަދޫ: 500 ހައުސިން ޔުނިޓް
* ފޭދޫ: 200 ހައުސިންގ ޔުނިޓް
* މީދޫ: 100 ހައުސިން ޔުނިޓް
* ހުޅުދޫ: 100 ހައުސިން ޔުނިޓް
* މަރަދޫ: 100 ހައުސިން ޔުނިޓް
* މަރަދޫފޭދޫ: 100 ހައުސިން ޔުނިޓް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މީގެ ކުރިން ވެސް އައްޑޫގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް އަޅާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަޅާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓް އަޅާފައިވެ އެވެ.
އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޭދޫގައި 75 ފްލެޓް އަޅަން ފެށި މަޝްރޫއު ދަނީ ކުރިއަށެވެ.