Last Updated: May 8, 02:27
Wednesday, May 7, 2025
މުނިފޫހިފިލުވުން

ބަތަލާ މޯނާ ވެސް ރެސްޓޯރަންޓެއް ހުޅުވައިފި

އަމިއްލަ ވިޔަފާރިތައް ފަށާ އިންޑިއާގެ ފިލްމީ ތަރިން އިތުރުވަމުން އަންނަ އިރު ބަތަލާ މޯނާ ސިންގް ވެސް އަމިއްލަ ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

މުމްބާއީގައި އޭނަ ހުޅުވި ރެސްޓޯރަންޓްގެ ނަމަކީ "ކޯނާ ކޯނާ" އެވެ.

އެ ތަނުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް 43 އަހަރުގެ ބަތަލާ ބުނީ އޭނަގެ ރެސްޓޯރަންޓަކީ ވަރަށް ސާދާކޮށް ހިދުމަތް ދޭނެ ތަނެއް ކަމަށާއި އެތަނުގެ މެނޫ އަކީ ތަޖުރިބާކާރު ޝެފުން ކަމަށްވާ ޖަސްލީން މަރުވާ އާއި ނީތޫ ސޮލާންކީ ހިތްގައިމު ރަހަތައް ކަމަށެވެ. މޯނާ ބުނި ގޮތުގައި ވަރަށް ކުޑައިރުއްސުރެ ތަފާތު ކާނާތައް ތަޖުރިބާކުރަން ޝައުގުވެރިވާ މީހަކަށްވާތީ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވުމަކީ އޭނަގެ އެތަކެއް ހަނދާންތަކަކާ ގުޅިފައިވާ ވިޔަފާރިއެކެވެ.

އެހެންވެ "ކޯނާ ކޯނާ" އަކީ ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާއަކަށް ވާނެ ކަމަށް ބުންޏެވެ.

މޯނާ އަކީ ސޮނީ ޓީވީން ގެނެސްދިން މަޝްހޫރު ސިލްސިލާ "ޖެސީ ޖޭސީ ކޮއީ ނެހީ" އިން އާންމުންގެ ލޯބި ހޯދި ބަތަލާއެކެވެ. އޭނަ އަކީ ޓީވީ ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކާއި ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ބަތަލާއެކެވެ. މޯނާ ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ "3 އިޑިއަޓަސް" އާއި "ލާލު ސިންގް ޗައްޑާ" ގެ އިތުރުން މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މުންޖިއާ" ހިމެނެ އެވެ.

މޯނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް" ހިމެނެ އެވެ.