ޖަޕާން ސަރުކާރުގެ 'އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް' ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން "ހާބާ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަަދައްކަމުން ޚަލީލް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޖަޕާން ސަރުކާރުން ގެންގުޅުއްވާ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން މިނިސްޓަރު ހަލީލު ދެއްވި އެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.