Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އުދުހުންތަކުގެ އަގު ހެޔޮކުރަން މަސައްކަތް އެބަކުރަން

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މި ވަގުތަކީ ހުރިހާ ހަރަދެއް ވެސް ބޮޑުވަމުންދާ ވަގުތެއް ކަމަށާއި ނަމަވެސް އެތެރޭގެ އުދުހުންތަކުގެ ޓިކެޓު މިހާރަށް ވުރެ ވެސް ކުޑަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މިހާރު ހުރިހާ ހަރަދެއް ވެސް ވަރަށް ބޮޑުވަމުންދާ ވަގުތަކަށްވެފައި އަދި ޓިކެޓްގެ ހަރަދުވެސް ބޮޑުވެފައި މިހާރު ނެތް. އެކަމަކު ޓިކެޓްގެ އަގު މިހާރަށް ވުރެ ވެސް ތިރި ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،" އަމީން ވިދާޅުވި އެވެ.

ޓިކެޓްގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް މިނިސްޓަރު އަމީން ދެއްވާފައެއް ނުވެ އެވެ.

އަމީން މީގެކުރިން ވަނީ އައިލެންޑް އޭވިއޭޝަން ރިސްޓްރަކްޗަރކޮށް، އޮޕަރޭޝަންތަކަށް ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ހުރި ފެއާއަކީ ބޮޑު އަދަދެއްކަން ގަބޫލު ކުރަން. އެހެންވީމަ ކުންފުންޏާއި މަޝްވަރާކޮށްގެން ގެނެވެން ހުރި ބަދަލުތަކަށް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން،" އަމީން މިދިޔަ އަހަރުގެ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ވެސް އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ.