މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ ހަމްދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އަސްނާއާ އިންޓަވިއު ކުރުމަށްފަހު، އޭނާގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ނިންމާފައިވަނީ އޭނާއަކީ މަގާމަށް ގާބިލު ފަރާތެއް ކަމަށެވެ.
އަސްނާ އެ މަގާމަށް އައްޔަންކުރަން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަސްނާ އަކީ މަރުކަޒީ ބޭންކްގެގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މިދިޔަ މަހުގެ 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލައެއް ވެސް ވައްދާފައި ވަނިކޮށެވެ.
އެމްއެމްއޭގެ މިހާރުގެ ގަވަރުނަރަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.