އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މި މަހުގެ 5-7 އަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި، އއ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި 38 ގެސްޓްހައުސްއަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތް ގޮތް ބަލާފައިވެ އެވެ. އަދި ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވެ އެވެ.
މި ފްރޮގްރާމަށް ތޮއްޑޫ ގެސްޓްހައުސް ތަކުން ވަރަށްބޮޑު ތަރުހީބެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ޕްރޮގްރާމުގެ ތެރެއިން ތޮއްޑޫ ކައުންސިލާ ބައްދަލުކޮށް، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ. އަދި ތޮއްޑޫގެ މޫދަށް އެރޭ ސަރަހައްދުތަކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗް ބޯޑުތައް ޖެހުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.