އަލް އިމާމް އިބުނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް ”އައްދާއު ވައްދަވާއު“ ގައި ދުޢާ ކުރުމުގެ ބައެއް އަދަބުތައް އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވާފައިވެ އެވެ. އަދި އެ ކަންތައްތައް ކުރުމާ އެކު ދުޢާކޮށްފި ކަަމަށްވާ ނަމަ ދުޢާ އިޖާބަ ނުކުރެއްވުމަކީ ވަރަށް ވެސް ނާދިރު ކަމެއްކަމުގައި އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެލައްވަ އެވެ.
އެއީ ކޮން ކަންތައްތަކެއްތޯ ބައްލަވާލަން ހިންގަވާށެވެ.
1. ހިތް ޙާޟިރުކޮށް ދުޢާ ކުރުމަށް ޚާލިޞްކުރާ ޙާލު ދުޢާ ކުރުން
2. ދުޢާ އިޖާބަ ކުރެވޭ 6 ވަގުތުން ކުރެ ވަގުތެއްގައި ދުޢާ ކުރުން
އެ ވަގުތުތަކަކީ:
* ރޭގަނޑުގެ 3 ބައިގެ ތެރެއިން ފަހު ބައި
* ބަންގި ގޮވޭ ވަގުތު
* ބަންގި އާއި ޤަމަތާއި ދެމެދު
* ފަރުޟު 5 ނަމާދުގެ ފަހުގައި
* ހުކުރު ދުވަހު އިމާމް މީހާ މިންބަރަށް އަރާވަގުތުން ފެށިގެން ހުކުރު ނަމާދު ނިމެންދެން
* ހުކުރު ދުވަހުގެ ޢަޞްރު ނަމާދުގެ ފަހުގައި އެދުވަހުގެ އެންމެފަހު ވަގުތު
3. ޚުޝޫޢަތްތެރިކަމާއި، މަޑުމޮޅިކަމާއި ނިކަމެތިކަ މާއެކު ދުޢާ ކުރުން
4. ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން
5. ޠަހާރަތުގެ މަތީގައި ހުރެ ދުޢާކުރުން
6. ދެއަތް އުފައިގެން ހުރެ ދުޢާކުރުން
7. ﷲ އަށް ޙަމްދު ޘަނާކިޔުމުން ދުޢާ ފެއްޓުން އަދި އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތް ކިޔުން އަދި އެއަށްފަހު އަޅާގެ ޙާޖަތްތަކާއި ބޭނުންތަށް ﷲ އަށް ދެންނެވުމުގެ ކުރީގައި ފާފަތަކަށް ތައުބާވެ އިސްތިޣްފާރުކުރުން އަދި އެއަށް ފަހުގައި ﷲ ތަޢާލާ އަށް އަޅާގެ ޙާޖަތްތަކާއި ބޭނުންތަށް ތަކުރާރުކޮށް އާދޭސް ކުރާޙާލު ދެންނެވުން
8. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެރިތިވެ އެ އިލާހުގެ ރަޙްމަތަށް އުންމީދުކުރާ ޙާލު އެއިލާހަށް ދެންނެވުން
9. އެއިލާހުގެ ރިވެތި އިސްމަފުޅުތަކާއި ސިފަފުޅުތަށް އަދި އެއިލާހުގެ ވަޢުދުފުޅުތަށް މެދުވެރިކޮށް އެކަލާނގެއަށް ދެންނެވުން
އިސްމަފުޅުތަކާއި ސިފަފުޅުތައް މެދުވެރިކޮށް ދެންނެވުމަކީ ރިޒްޤު ތަނަވަސްކޮށް ދެއްވުމަށް އެދި ދަންނަވާ ނަމަ ޔާ ރައްޒާޤް މިފަދައިން ދެންނެވުމެވެ.
އަދި ވަޢުދުފުޅުތަށް މެދުވެރިކޮށް ދެންނެވުމަކީ އެކަލާނގެ ދުޢާ އިޖާބަކޮށްދެވާނެކަމަށް ވަޙީކުރަށްވާފައިވާ ވަޢުދުފުޅުތައް ޒިކުރު ކުރުމަށްފަހު ދުޢާ ކުރުމެވެ.
10. ދުޢާކުރުމުގެ ކުރީގައި ޞަދަޤާތެއް ކުރުން
11. ދުޢާ ކުރުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ދުޢާތަކުން ދުޢާކުރުން
ދުޢާ އަކީ ﷲ ތަޢާލާ އަޅުގަނޑުމެންގެ އެންމެހާ ދުޢާތައް އިޖާބަކޮށްދެއްވާ އަޅަމެންގެ ޙާޖާތްތައް ފުއްދަވައި ދެއްވުމެވެ. އެއީ އެންމެ އޯގާތެރި އެންމެ ޙިކްމަތްވަންތަ ރަސްކަލާނގެ އެވެ.
ނޯޓް: މިއީ ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ލިޔުއްވުމެކެވެ.