އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އޯއައިސީން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ތަޢުރީފު ކުރައްވައި، އެޖަމުޢިއްޔާގެ ހަރުދަނާ ލީޑާޝިޕަށް ތައުރީފު ކުރެއްވި އެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރާއްޖެއަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފަ އެވެ.