Last Updated: May 8, 09:13
Thursday, May 8, 2025
މުނިފޫހިފިލުވުން

ކަރަންގެ ތައުރީފު އަރިއަން އަށް

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ޑައިިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް" އަށް ކުރެވޭ އުންމީދުތައް ބޮޑު ކަމަށާއި އޭނަގެ ހުނަރާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

އޭނަ އަކީ އަރިއަންގެ ބައްޕަ ކެރިއަރުގެ އެންމެ ކާމިޔާބު ބައެއް ފިލްމުތަކުގެ ޑައިރެކްޓަރެވެ. އެއީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ގެ އިތުރުން "މައި ނޭމް އިޒް ޚާން" އެވެ. އަރިއަން އުފަންވީ ކަރަންގެ ފުރަތަމަ ޑައިރެކްޝަން "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރި އަހަރު ކަމަށްވާ 1998 ގަ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ އަރިއަންގެ ސީރީޒްއާ ބެހޭ ގޮތުން ޕޮޑްކާސްޓް ޝޯއެއްގައި ކަރަން ބުނީ އެއަށް ވަރަށް ބޮޑަށް އިންތިޒާރުގައި ހުރި ކަމަށެވެ.

"އަހަންނަށް އޮތް ޔަގީން ކަމަކީ ޑައިރެކްޓަރެއްގެ ގޮތުގައި އަރިއަން އަކީ ކިހާ ހުނަރުވެރި ޒުވާނެއްކަން ބެލުންތެރިންނަށް ސާބިތުކޮށް ދޭނެކަން. އަހަންނަށް ހަމަ އެއްވެސް ޝައްކެއް ނެތް އޭނަގެ ހުނަރާ މެދު،" ކަރަން ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އަރިއަން އަކީ ފިލްމީ މަސައްކަތުގައި އޭނަގެ ބައްޕަގެ ލެގަސީ ކުރިއަރުވާނެ މީހެއް."

މީޑިއާތަކާ ވަރަށް ބީރައްޓެހިކޮށް އުޅޭ އަރިއަން އަށް ތައުރީފު ކުރަމުން ކަރަން ބުނީ އޭނަގެ ބައްޕަ ޝާހްރުކް އަކީ "ކިންގް" ކަމަށާއި އަރިއަން ވާނީ "ޕްރިންސް" އަށް ކަމަށެވެ.

"ބޭޑްސް އޮފް ބޮލީވުޑް" ގެ ޝޫޓިން ނިންމާލައި، މިހާރު ކުރިއަށް ގެންދަނީ އޭގެ ޑަބިންގެ މަސައްކަތެވެ. އެކަމަކު އަދި ބެލުންތެރިިންނަށް އެ ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.

އަރިއަންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ "ބޭޑްސް އޮފް ބޮލީވުޑް" ގެ ކާސްޓްގައި ލަކްޝް ލަލްވާނީ، ޝެހެރް ބަމްބާ، މޯނާ ސިންގް އަދި ބޮބީ ޑިއޯލް ހިމެނެ އެވެ. މީގެ ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައިޝާހްރުކާއި ސަލްމާން ޚާނާއި ރަންބީރް ކަޕޫރާއި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި އަނަންޔާ ޕާންޑޭގެ އިތުރުން ކަރަން ހިމެނެ އެވެ.

ބޮލީވުޑްގެ ވާހަކައެ ކިޔައިދޭނެ "ބޭޑްސް އޮފް ބޮލީވުޑް" އަކީ އަރިއަން އާއި ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ.