މޮނިޓާކުރެވޭނެ ނިޒާމަކާއެކު "ވާނުވާ" ބަންދުގައި ތިބި މީހުންނަށް ފުރުސަތެއް ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓަނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އެ ބޭފުޅުން ވަނީ ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ބޭފުޅުންގެ ހުރި ހިޔާލުތައް ހިއްސާކުރައްވައިފަ އެވެ. އެގޮތުން އެ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.
އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް "ވާނުވާ ބަންދު" ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުސޫލުތައްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. އަދި މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓަނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސަށް ހުށަހަޅުއްވާފަ އެވެ. އެ ކަރުދާހުގައި "ވާނުވާ ބަންދު" ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.