Last Updated: May 8, 09:13
Thursday, May 8, 2025
ދުނިޔެ

ޑިޒްނީގެ ބިޔަ ރިސޯޓް ޕްރޮޖެކްޓެއް އަބޫ ދާބީ އަށް

ތީމް ޕާކް ސްޓައިލަށް އެމެރިކާގެ ޑިޒްނީން ޔޫއޭއީގެ އަބޫ ދާބީގައި ރިސޯޓެެއް ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ،

މި މަޝްރޫއު ވާނީ މެދު އިރުމަތީގައި ޑިޒްނީން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ޕްރޮޖެކްޓަށެވެ، އަދި ފާއިތުވި 15 އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރިއަށް ގެންދާ ފުރަތަމަ ތީމް ޕާކް ސްޓައިލް ރިސޯޓް ޕްރޮޖެކްޓަށެވެ. އަބޫ ދާބީގެ މި ޕްރޮޖެކްޓަކީ ޑިޒްނީން ތަރައްގީކުރާ 7 ވަނަ ރިސޯޓް ޕްރޮޖެކްޓެވެ.

އަބޫ ދާބީގެ ބިޔަ ޕްރޮޖެކްޓް ޑިޒްނީން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ މިރަލްއާ ހަވާލުކޮށްގެންނެވެ. އެގޮތުން ޑިޒްނީގެ ޕްލޭނާ އެއްގޮތަށް މުޅި ޕްރޮޖެކްޓް ހިންގައި، ތަން އޮޕަރޭޓްކުރާނީ ވެސް މިރަލްއިންނެވެ.

މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން ތަން ހުޅުވަން އަމާޒު ހިފާފައި އޮތީ 2030 ގެ ކުރީކޮޅު އެވެ.

އަަބޫ ދާބީގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ޑިޒްނީ އެކްސްޕީރިއަންސެސްގެ ޗެއާމަން ޖޯޝް ޑި'އަމާރޯ ވިދާޅުވީ މި ރިސޯޓް ޕްރޮޖެކްޓާ ވާނީ ޑިޒްނީގެ ތީމް ޕާކް ސްޓައިލަށް ތަރައްގީކުރާ ތަނަކަށް ވިޔަސް ވަރަށް އާ ކަންތައްތަކެއް އެކުލެވޭ، ވަރަށް ހިތްގައިމު އެންމެ ޒަމާނީ ފެންވަރުގެ ތަނަކަށް ކަމަށެވެ. އެގޮތުން ޕްރޮޖެކްޓް ވާނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ޑިޒްނީން ތަރައްގީކުރާ އެންމެ ތަފާތު ތަނަށް ކަމަށް ޖޯޝް ވިދާޅުވި އެވެ.

"ތީމް ޕާކަކަށް ވުރ މީގެ ތަސައްވުރު މާ ބޮޑަށް ވެސް ތަފާތު ވާނެ." އޭނަ ވިދާޅުވި އެވެ.