ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި، އަމިއްލަ ދަނޑުގައި 2-1 އިން އާސެނަލް ބަލިކޮށް މުބާރާތުގެ ފައިނަލަށް ފްރާންސްގެ ގަދަބާރު، ޕީއެސްޖީން ހޯދައިފި އެވެ.
މިއީ، ޕީއެސްޖީގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެޓީމުން 2020 ވަނަ އަހަރު ފައިނަލްގައި ކުޅުނީ ބަޔާން މިއުނިކާ އެވެ. ފައިނަލްގައި އެފަހަރު ޕީއެސްޖީ ވަނީ 1-0 އިން ބަޔާން އަތުން ބަލިވެފަ އެވެ.
މި މަހު 31 ގައި ކުޅޭ ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރާނީ އިންޓަ މިލާންއާ އެވެ.
މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު، ސެމީގެ ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ، 1-0 އިންނެވެ. ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މިރޭގެ މެޗުގެ ކުރީކޮޅު ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލަށް ވަނީ ލިބިގެން ގޮސްފަ އެވެ. އެގޮތުން ގަބްރިއެލް މާޓިނެލީ އާއި މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާތައް ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 27 ވަނަ މިނެޓްގައި ފަބިއަން ރުއިޒް ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ރުއިޒް ކާމިޔާބުކުރި ގޯލެކެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ އޭރިއާތެރެއިން މައިލްސް ލެވިސް ކެލީ އަތުގައި ޖެހުނު ބޯޅަ ޖެހުމުން ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ވިޓީނިއާ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މެޗުގެ 72 ވަަނަ މިނިޓްގައި އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ޕީއެސްޖީން ދެ ވަނަ ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އާސެނަލްގެ ބުކާޔޯ ސަކާ ވަނީ ގޯލެއް ޖަހައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، އިތުރު ގޯލެއް ޖަހަން ސަކާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ޗެމްޕިއަންސް ލީގުން އާސެނަލް ކެޓުމުން އެޓީމު މި ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ.