ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވައިފި އެވެ.
ޝުޖާއު، ފުލުހުންގެ ހިދުމަތުުން ރިޓަޔާކުރެއްވުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައިި ޕޮލިސް ކޮމިޝަނަރުގެ ޒިންމާއާ ވަގުތީގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޝުޖާއުގެ އާއިލާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ޝުޖާއު ވަނީ، ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ޝުޖާއުއަށް ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔާމަންޓް ކާޑު އަރުވާފައިވެ އެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ.
މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ. އަދި ރިޓަޔަރމަންޓް ކާޑަކީ ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް 8 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ. ސީޕީގެ މަގާމަށް ޝުޖާއު އައްޔަންކުރެއްވީ 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެ މަގާމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ އޭޕްރީލްމަހުގެ 26 ވަނަ ދުވަހު އެވެ.
ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޝުޖާއު ވަނީ ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާފަ އެވެ.