Last Updated: May 9, 05:45
Friday, May 9, 2025
ދުނިޔެ

އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުން 31 މަރު

އިންޑިއާ އިން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޕާކިސްތާނުން 31 މީހުން މަރުވެއްޖެ އެވެ.

އިންޑިއާ އިން މި ހަމަލާ ދީފައި ވަނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލުމުން އޭގެ ރައްދުގަ އެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް) އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.

އިންޑިއާ އިން ކުރިއަށްގެންދާ 'އޮޕަރޭޝަން ސިންދޫރު' ގެ ދަށުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވާއިރު، ޕާކިސްތާނުން ބުނީ މި ހަމަލާތަކުގައި 31 މީހަކު މަރުވެ 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ޕާކިސްތާން ސަރުކާރުން ވަނީ އިންޑިއާ އިން ދިން ހަމަލާގެ ރައްދު އެކަމަށް އެކަށީގެންވާ ވަގުތެއްގައި ދޭނެ ކަމަށް ބުނެފަ އެވެ. އިންޑިއާ އިން ޕާކިސްތާނަށް ހަމަލާ ދިނުމަކީ އެގައުމުން ހެދި ގޯހެއް ކަމަށާއި އޭގެ އަގު އެގައުމުން އަދާކުރަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އޭގެތެރޭގައި އިންޑިއާ ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުން ހިމެނެ އެވެ.