ބައިނަލްއަގުވާމީ މިންގަނޑަށް އެމްއެންޑީއެފުން ހިންގާ 13 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯސް ފަށައިފި އެވެ.
ކޯހުގައި އިތުރު ހަތަރު ގައުމެއްގެ ސިފައިން ވެސް ބައިވެރިވެ އެވެ.
ކޯސް ފެށުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަ ޖެނެރަލް މުޙައްމަދު ސަލީމެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯސް ކުރިއަށް ދާނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. މާފިލާފުށީގަ އެވެ. އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ ކޯހުގައި 18 ސިފައިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން ހަ ސިފައިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، މެލޭޝިއާ، ނޭޕާލް އަދި ސްރީލަންކާގެ ސިފައިން ހިމެނެ އެވެ.
ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިން ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިން އޮޕަރޭޝަންގައި ޑައިވް އިކުއިޕްމަންޓްސްއާއި އެކްސެސަރީސް ބޭނުން ކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިން ސޭފްޓީ އަދި ޑައިވިން ސާޗް ޕެޓާންސް އާއި، ފިޒިކަލް ޓްރޭނިންގ ސްވިމިން އަދި ޑައިވިން ސްކިލްސް، ޑައިވިން ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައި ޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ހިމެނެ އެވެ.