Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ތެލެސީމިއާ ކުދިންނަށް ވި ވައުދުތައް ފުއްދާނަން

ރާއްޖޭގެ ތެލެސީމިއާ ބަލީގެ މީހުންނަށް މި ވައުދުތައް ސަރުކާރުން ފުއްދައި ދޭނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިނިޔޭގެ ތެލަސީމިއާ ދުހަވާ ގުޅިގެން ދެއްވި ހިތާބެއްގައި އެ މަނިކުފާނު ވިދާޅުވީ ގައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ސާބިތުކޮށް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޚިޠާބުގައި އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ޤައުމަކީ ރާއްޖެ ކަމަށެބެ. އެހެންވެ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށ ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީތެލެސީމިއާ ކުދީންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

"ސަރުކާރުން ތެލެސީމިއާ ކުދީންނަށް ޚާއްޞަ ސަމާލުކަމެއް ދޭނެ. ރިޔާސީ އިންތިޚާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި މި ސަރުކާރުން ހާމަކުރެއްވި ތަޞައްވަރާއި ވެވަޑައިގެންނެވި ވަޢުދުތައް ހަގީގަތަކަށް ހަދައި ދޭނެ،" ރައީސް ވިދާޅުވި އެވެ. "އަދި ތެލެސީމިއާ ގުޅޭ ކަންކަމުގައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި ހުރި ކަންކަން، ހަމަމަގަށް އަޅުވަން މަސައްކަތްކޮށް މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނެ."

ރައީސް ވަނީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމަޢު ބައިވެރިވުމަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް، ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ތެލަސީމިއާ ބަލީގެ މީހުންން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ.