ޕާކިސްތާނަށް ހަމަލާތައް ދޭން އިންޑިއާ މިހާރު ކުރިއަށް ގެންދާ ހަރަކާތަށް ދީފައިވާ ނަން "އޮޕަރޭޝަން ސިންދޫރު" ފިލްމެއްގެ ނަމަކަށް ރަޖިސްޓްރީކުރަން ބޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ނަން ރަޖިސްޓްރީކުރަން ހުށަހެޅި މީހުންގެ ތެރޭގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު މަދޫރް ބަންޑާކަރް އާއި ޕްރޮޑިއުސަރު މަހާވީރު ޖެއިންގެ އިތުރުން ބުޝަން ކުމާރުގެ ޓީ ސީރީޒް އާއި ޒީ ސްޓޫޑިއޯސް ވެސް ހިމެނޭ ކަމަށެވެ.
"އޮޕަރޭޝަން ސިންދޫރު" ޓައިޓްލްއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އެންމެ ފުރަތަމަ ހުށަހެޅީ މަހާވީރު ކަމަށާއި އޭނަގެ ނަމުގައި ޓައިޓްލް ރަޖިސްޓްރީކޮށް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ. މަހާވީރު އަކީ "ރާމް ސެތޫ" އާއި
މަލާލް" އާއި "ގުޑް ލަކް ޖެރީ" އަދި "ބިނީ އެންޑް ފެމިލީ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރެވެ.
ޕާކިސްތާނަށް ހަމަލާ ދޭން އިންޑިއާ އިން "އޮޕަރޭޝަން ސިންދޫރު" ރަސްމީކޮށް ފެށީ އިއްޔެ ރޭ މެންދަމު އެވެ. އެގޮތުން އެ އޮޕަރޭޝަންގެ ދަށުން ޕާކިސްތާނަށް ދިން ފުރަތަމަ ހަމަލާތަކުގައި ނުވަ މީހަކު މަރުވެފައިވެ އެވެ. އޭގެ ރައްދުގައި ޕާކިސްތާނުން އިއްޔެ ހަމަލާތަކެއް ދީފައިވާ އިރު، ދެ ފަރާތުން މިހާރު ވަނީ ހަމަލާތައް ބަދަލު ކުރަން ފަށައިފަ އެވެ.
އެހެންވެ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަނެއްކާ ވެސް ގެއްލުން ބޮޑު ހަނގުރާމައެއް ފެށިދާނެމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.
ޕާކިސްތާނަށް އިންޑިއާ އިން ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 26 މީހަކު މަރަލައިލުމާ ގުޅިގެންނެވެ. އޭގެ ޒިންމާ ޕާކިސްތާނުގައި ބޮލުގައި އިންޑިއާ އިން އަޅުވައި، ހަމަލާތައް ދޭން ފެށި އިރު، ޕާކިސްތާނުން ބުނެފައި ވަނީ އެ ހަމަލާގެ ޒިންމާ އެ ގައުމުގެ ބޮލުގައި އެޅުވޭނެ އެއްވެސް ހެއްކެއް އިންޑިއާ އިން ދައްކާފައި ނެތް ކަމަށެވެ.

"އޮޕަރޭޝަން ސިންދޫރު" ފިލްމެއްގެ ނަމަކަށް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އިރު، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިން ކޮށްފައިވާ އެކިއެކި ހަނގުރާމަތަކާއި ބަދަލުކޮށްފައިވާ ހަމަލާތަކަށް މިހާތަނަށް ގިނަ ފިލްމުތަކެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި "ބޯޑާ"، "އުރީ: ދަ ސާޖިކަލް ސްޓްރައިކް"، "ޝޭރުޝާ"، "ރާޒީ" އަދި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ޕާކިސްތާނަށް ހަމަލާ ދޭން އިންޑިއާ އިން މި ފަހަރު ފެށި ހަރަކާތަށް "އޮޕަރޭޝަން ސިންދޫރު" ގެ ނަން ދިން މައިގަނޑު ސަބަބަކީ ޕަހަލްގަމް ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލަތު ކައިވެންޏަށް ފަހު، ހަނީމޫނަށް ގޮސް އުޅެނިކޮށް ޒުވާން އަންހެނެއްގެ ފިރިއަކު ވެސް މަރުވެފައިވާތީ އެވެ.