ލާމަރުކަޒު ގާނޫނަށް ބަދަލުތަކެއް ގެނެސް އައްޑޫ ހިތަދޫ ވަކި ސިޓީއަކަށް ހަދަން އުޅޭ ކަމަށް ބުނެ ވާހަތަކެއް ދެކެވެމުންދާތީ އައްޑޫގެ ކައުންސިލަރަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކައުންސިލުން އިއްޔެ ބޭއްވި މި ދައުތުގެ 185 ވަނަ ޖަލްސާގައި އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ މި ދުވަސްވަރު ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން އުޅޭ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުންދާ ކަމަށެވެ.
އެގޮތުން އެ ބަދަލު ގެންނަން އުޅޭ ވާހަކަތަކާ އެކު އެންމެ ބޮޑަށް އިވެމުން ދަނީ ހިތަދޫ ވަކި ސިޓީއަކަށް ބަދަލުކޮށް، އެހެން އަވަށްތައް އަވަށު ކައުންސިލްތަކަށް ބަދަލު ކުރަން އުޅޭ ވާހަކަ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި މިކަމުގެ ފަަހަތުގައި އޮތް ކަމަށް ބެލެވެނީ "އައްޑޫ ސިޓީ" އެ ނަން ކަނޑާލުމެވެ.
"މި ކަހަލަ ހިޔާލެއް ހުށަހެޅިގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. އައްޑޫވަންތަ އައްޑޫ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ މިކަހަލަ އިސްލާހެއް ހުށަހެޅިގެން ފާސްވެއްޖެ ނަމަ އައްޑޫގެ ނަން ކެނޑިގެން ހިނގައި ދާނެ. އޭރުން އައްޑުއެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ. "އައްޑޫ އަައްޑޫގެ ގޮތުގައި އޮންނާތީ ސިޔާސީ ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް މިކަންވެފައި އޮންނަނީ."
އޭނަ ވިދާޅުވީ މިއީ ސިޔާސީވަންތަކަން ނުހުންނަ ސިޔާސީ މީހުން އައްޑޫ ބައިބައިކޮށްލުމުގެ ގޮތުން ގެންގުޅޭ ވިސްނުމެއް ކަމަށް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ގެނެސް އައްޑޫ ސިޓީއަކަށް ހެދީ އެމްޑީޕީގެ ސަރުކާރަކުން ކަމަށާއި އެކަމަކު މިހާރު ހަމަ އެ ޕާޓީގެ ބަޔަކު ލާމަރުކަޒީ ގާނޫނަށް މިފަދަ ބަދަލެއް ގެންނަން ތާއީދު ކުރުމަކީ ވަރަށް ހިތާމަކުރައްވާ އަދި ކަންބޮޑުވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލަކީ ވެސް މި ބަދަލަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ.
"މިހެން ވަނީ ސިޔާސީ ގޮތުން އެއް ދުވަހު ތިބޭ ގޮތަކަށް އަނެއް ދުވަހު ނުތިބެވޭތީ." ސައީދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މާލެ ސަރަހައްދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ތަރައްގީކޮށް ކުރިއަރަމުން އަންނަ މާލެ ކަނޑާލައި ވަކިވަކި ސިޓީތަކެއްގެ ގޮތުގައި ނަން ކިޔަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި ކިޔަނީ މާލެ ވެސް ހިމަނައިގެން ގްރޭޓާ މާލެ އޭރިއާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެހެންވީމަ ދެން އެންމެ އާބާދީ ބޮޑީ އައްޑޫވީމަ ސިޔާސީ ގޮތުން އޮއްޓަރެއް ނުހުންނަ ސިޔާސީ މީހުން ވަރަށް ކޮށްލަން ބޭނުންވާ ކަމެއް އައްޑޫ ބައިބައިކޮށްލުމަކީ. ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން މިކަން ކުރުމަކީ ހަމަ ވަރަށް ކަންބޮޑުވާ ކަމަކަށްވާތީ ހިއްސާކޮށްލީ." އޭނަ ވިދާޅުވި އެވެ.
ސައީދުގެ ވާހަކަތަކާ ގުޅިގެން މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހިތަދޫ ވަކި ސިޓީއަކަށް ހަދަން އޭނަ ވެސް ތާއީދު ނުކުރައްވާ ކަމަށެވެ.
"އައްޑޫ ބައިބައިވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އެކަމަށް ދުވަހު ތާއީދެއް ވެސް ނުކުރާނަން،" އޭނަ ވިދާޅުވި އެވެެ. "އެކަން ކުރަން އުޅޭ މީހުންނަކީ ދުރު ވިސްނޭ ބައެއް ނޫން. މި ވަގުތަށް ލިބިދާނެ މަންފާއަކަށް އެކަން ކުރުމުގެ ވިސްނުން ހުރެގެން ދެކެވޭ ވާހަކައެއް އެއީ."
ހިތަދޫ ވަކި ސިޓީއަކަށް ހެދުމުގެ ވާހަކަތަކެއް ދެކެވޭ އިރު، މީގެ ތިން ހަތަރު އަހަރު ކުރިން ހުޅުދު އާއި މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، ވަކި ކައުންސިލްތަކަށް ހެދުމުމަށް "އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކެމްޕޭނެއް ފަށައި، ޕެޓިޝަނެއްގައި ސޮއކުރުމުގެ ހަރަކާތްތަކެއް ވެސް ހިންގާފައިވެ އެވެ.