Last Updated: May 9, 16:04
Friday, May 9, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: އޮރެންޖް

ނާރިނގު (ސައިންޓިފިކް ނަން: Citrus sinensis) ނުވަތަ (އިނގިރޭސި ބަހުން: Orange) އަކީ ހުތް މޭވާއެކެވެ. ދިވެހި ބަހުން އޮރެންޖް، އަދި ފޮނި ލުނބޯ ވެސް ކިޔަނީ ހަމަ ނާރިނގު އަށް ނިސްބަތްކޮށެވެ. ނާރިނގު ފުރަތަމަ ފެނިފައި ވަނީ ދެކުނު އޭޝިޔާގެ ގައުމުތަކުންނެވެ. ދުނިޔޭގައި މިހާރު އެންމެ ގިނައިން ނާރިނގު ހައްދަނީ ބްރެޒިލްގަ އެވެ. އެގޮތުން ދުނިޔޭގެ ބާޒާށްރަށް ނެރޭ އޮރެންޖުގެ 29 އިންސައްތަ ނެރެނީ ބުރްޒިލްއިންނެވެ. އަދި 17 އިންސައްތަ އުފައްދަނީ ޗައިނާގައެވެ.

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. އަދި އަހަރެމެންގެ ތެރޭގައި އޮރެންޖު ބޭނުންކުރާ މިންވަރު ވެސް އިތުރެވެ.

ޒަމާނުންސުރެ އޮރެންޖު އަހަރެމެންގެ ތެރޭގައި ބޭނުން ކުރަނީ ޖޫހުގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް އޮރެންޖު އެކި ގޮތްގޮތަށް ބޭނުން ކުރެއެވެ. އެގޮތުން އޮރެންޖު ތޮށި، ފޮނިކާތަަކެތި ތައްޔާރު ކުރުމުގަޔާއި، ސައި ތައްޔާރުކުރުމުގައި ބޭނުންކުރެ އެވެ. އަދި އޮރެންޖު ތޮއްޓަކީ ގޭތެރޭގައި މީރުވަސް ހިފެހެއްޓުމަށް ވެސް ބޭނުންކުރާ ބާވަތަކެވެ.

މީގެ އިތުރުން އޮރެންޖު ތޮއްޓަކީ ހަންގަޑަށް ވެސް ފަރުވާއެކެވެ. އެގޮތުން މޫނުގައި ގިނައިން ބިހި ނަގާ ނަމަ އޮރެންޖުތޮށި މޫނުގައި ހެކުމުން، އޭގެ ތާސީރުން ބިހިތައް ފިލާ، ހަންގަނޑު އޮމާން ކޮށްދިނުމަށް އެހީވެދޭ ކަމަށް ތަފާތު ސިއްޚީ ދިރާސާތަކުން ދައްކަ އެވެ. އަދި އޮރެންޖަކީ ރޯގާ އަށް ވެސް ރަނގަޅު ފަރުވާއެކެވެ. އޮރެންޖު ފެނުކެއްކުމަށް ފަހު ކެއުމުން ރޯގާގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުން ސަލާމަތް ވެއެވެ.

އޮރެންޖަކީ ރާއްޖޭގައި ވެސް ހެއްދިދާނެ މޭވާއެކެވެ. މިހާރު ވެސް ރާއްޖެގެ ބައެއް ރަށްރަށުގައި އޮރެންޖު ގަސް ހައްދާފައި ހުރެ އެވެ. ނަމަވެސް ދަނޑުވެރިކަމުގައި އޮރެންޖު ގަސް ހައްދާ ތަނެއް އަދި ނުފެނެ އެވެ.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ