ޝާހްރުކް ޚާން ބޮލީވުޑަށް ތައާރަފުވި ފިލްމު "ދީވާނާ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
މިކަން އެ ފިލްމުގެ ޕްރޮޑިއުސަރު ގުއްޑޫ ދަނާއޯ ފިލްމުފެއާ އަށް ކަށަވަރުކޮށް ދީ ބުނެފައި ވަނީ ސީކްއެލް އަށް ތައްޔާރީތައްވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ޝާހްރުކް ސަޕޯޓިން ރޯލެއް ކުޅުނު 1992 ގެ "ދީވާނާ" އަކީ ރާޖް ކަންވަރް ޑައިރެކްޓްކުރި ވަރަށް ކާމިޔާބު ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ މިހާރު ދުނިޔޭގައި ނެތް ރިޝީ ކަޕޫރާއި ދިވްޔާ ބާރްތީ އެވެ.
ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ "ދީވާނާ" އަކީ އެ ފިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ލަވަތައް ވަރަށް މަޝްހޫރުވި ފިލްމެކެވެ. ނަދީމު-ޝަރްވަން މިއުޒިކް ހެދި ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު ލަވަ އަކީ "ތެރި އުންމީދު ތޭރީ އިންތިޒާރު" އެވެ. އަދި އޭގައި ޝާހްރުކާއި ދިވްޔާގެ ނެށުންތަކެއް ފެނިގެންދާ ލަވަ "އޭސީ ދީވާންގީ" އަކީ މަގުބޫލުވި ލަވައެކެވެ.
ނަދީމު-ޝަރުވަން އަށް ފިލްމުފެއާގެ އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުންގެ އެވޯޑް ވެސް ލިބުނެވެ.
"ދީނާވާ" ގައި ދައްކުވައި ދިން އެކްޓިންގެ ސަބަބުން ޝާހްރުކަށް އެ ފިލްމުން އެންމެ މޮޅު އާ އެކްޓަރުގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނެވެ.