Last Updated: May 8, 20:18
Thursday, May 8, 2025
ޚަބަރު

މިދިޔަ މަހު މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގެންފި

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.60 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާއިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 22.7 ޕަސެންޓްގެ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ އެޕްރީލްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް މިދިޔަ މަހު ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުންޏެވެ.

އެޕްރީލް މަހުގެ އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 1.6 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.65 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 226.7 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.