Last Updated: May 8, 23:03
Thursday, May 8, 2025
ޚަބަރު

ބޭސް ހޯދަން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި

ބައެއް ބޭސްތައް ހޯދަން ރާއްޖެ އަށް ދިމާވެފައިވާ ދަތިތަށް ނައްތާލުމަށް އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.

އެސްޓީއޯ އިން ބުނީ، އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ފަދަ އެއްބަސްވުމެއް ހެދީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލަ އަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ. މި އެއްބަސްވުމުގެ ނަތީޖާއަކީ ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ފަސޭހައިން ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައި ދީފައިވާއިރު، އެޗްއެލްއެލްއާ އެކު ހެދި އާ ޕާޓްނާޝިޕްގެ ދަށުން އަސާސީ ބޭސްތައް ދަތިކަމެއް ނެތި ދެން ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ. އެގޮތުން ހުރިހާ ބޭހެއް ވެސް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ ވެސް އެއްގޮތަށް ކަމަށް އެސްޓީއޯ އިން ހާމަކުރެ އެވެ.