މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު އިމާރާތުގެ މަތިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތައަކު މިރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ މެލޭޝިއާގައި މިހާރު ފަރުވާ ހޯދަމުން އަންނަ ޔުމްނު އެރޭ ހިނގި ހާދިސާގެ ކަންކަން ކިޔައިދީފައިވާ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ދިން ދައުވަތަކަށް ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.
އެ ގޭގައި އެރޭ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ އިތުރަށް ހަތަރު މީހަކު އުޅުނުކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.
"އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.
"އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،"
މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދަން އާއިލާއިން ބޭނުންވާ ކަމަށާއި ފުލުހުން މިކަމުގައި ހަދާފައިވާ ދޮގު ކަމަށްވެސް ދައްތަ ބުންޏެވެ.
"އަޅުގަނޑުމެން ޑިނައީއެއް ނުކުރަމޭ ކަންތައްވި ގޮތެއް. މަރަށް ދޫކޮށްލި މައްސަލައޭ އަޅުގަނޑުމެންގެ މައްސަލައަކީ. މަރަށް ދޫކޮށްލާފައި އެ ފުރާޅުގަނޑު މަތީ މި ކުއްޖާ އޮތީ ކިހާ އިރެއްވަންދެންކަން ވެސް ހަމަ އެނގޭނީ އެމީހުންނަށް. މަރަށް ދޫކޮށްލާފައި ދިޔައީ ވެސް އެމީހުން،" އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.