Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ގާތުން އެބަ ބަލަން

ފޮރިން މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު، މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ. އެގޮތުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް އިންޑިއާ އިން ދިން ހަމަލާތަކުގައި 31 މީހަކު މަރުވެފައިވާއިރު، ޕާކިސްތާނުން އަންނަނީ ރައްދު ހަމަލާތައް އިންޑިއާ އަށް ދެމުންނެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

"ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެ ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143‬‬‬‬‬‬‬‬ +
މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400