ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.
އިސްކަންދަރުކޮށީގައި އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރުގެ މުހިއްމުކަމަށް އިޝާރާތްކުރައްވައި ނަވީން ވިދާޅުވީ، ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުގައި އެހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި ލީޑާޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
ނަވީން އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް ކަމަށާއި، ޒިންމާދާރުކަމާއެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތްކޮށް ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ ކަމަށެވެ.
ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމާއި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަން ދިނުމުގެ މުހިއްމުކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމެވުމުގެ މުހިންމުކަން ނަވީން ފާހަގަކުރެއްވި އެވެ.
އަދި ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައި ވެސް އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމެވުމަށް އިރުޝާދު ދެއްވި އެވެ. މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން ނަވީން އެދިވަޑައިގެންނެވި އެވެ.