Last Updated: May 9, 16:04
Friday, May 9, 2025
ކުޅިވަރު

ފައިނަލްގައި ޔުނައިޓެޑާއި ޓޮޓެންހަމްގެ ކުރިމަތިލުމެއް

ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުބާރާތުގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރީ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ 4-1 އިން ބަލިކުރުމަށްފަހު އެވެ. ބިލްބާއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 އިން ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލަށް ދަތުރުކުރީ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 31 ވަނަ މިނެޓްގައި މިކޭލް ޖައުރެގިޒާ ބިލްބާއޯ އަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 72 ވަނަ މިނެޓްގައި މޭސަން މައުންޓް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ކަސެމީރޯ ޔުނައިޓެޑަށް ލީޑު ނަގައިދިން އިރު، ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލުންޑް އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ މައުންޓް ވަނީ ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ތަށްޓެއް ނުލިބި 17 އަހަރުވެފައިވާ ޓޮޓެންހަމް ފައިނަލަށް ދަތުރުކުރީ ސެމީގެ ދެވަނަ ލެގުގައި ރޭ ނޯވޭގެ ބޯޑޯ ގްލިމްޓްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 3-1 އިން ޓޮޓެންހަމް ކާމިޔާބުކުރިއިރު، އެޓީމު ފައިނަލަށް ދިޔައީ 5-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ބޯޑޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 63 ވަނަ މިނެޓްގައި ޑޮމޮނިކް ސޮލާންކޭ ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ހަ މިނެޓް ފަހުން ޕެޑްރޯ ޕޮރޯ ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޓޮޓެންހަމަށް އެންމެފަހުން ތަށްޓެއް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ލީގު ކަޕް އެވެ.