އިންޑިއާގައި ބޭއްވި "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ޓީވީ ޝޯގެ ތިން ވަނަ ހޯދި ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" ގެ ހާއްސަ ޝޯއެއް މި މަހު އޮލިމްޕަހުގައި ބާއްވަން ނިންމައިފި އެވެ.
ޓިކެޓް ވިއްކައިގެން ބާއްވަން ހަމަޖެހިފައިވާ ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ. ޝޯ ފަށަން ނިންމާފައި އޮތީ އެ ރޭ 8:00 ގަ އެވެ. ނަމަވެސް އަދި ޓިކެޓް ވިއްކަން ފަށާނެ އިރެއް ހާމައެއް ނުކުރެ އެވެ.
"ޓޫ އޮފް އަސް" ގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ ޝޯގައި ބޭންޑްގެ އިތުރުން ރާއްޖޭގެ އިތުރު ފަންނާނުންތަކެއްގެ އިތުރުން އިންޑިއާގެ ބޭންޑެއް ވެސް ބައިވެރިވާނެ އެވެ. އަދި ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަކިޔާ ފަންނާނު ޝްރަދާ ޕަންޑިތު ވެސް އޮލިމްޕަހުގެ ޝޯގައި ޕަފޯމް ކުރާނެ އެވެ.
"ޓޫ އޮފް އަސް" އިން ވަނަ ތިނަ ހޯދި "ބެޓްލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދޫރުދަރުޝަން ޗެނެލުން ގެނެސްދިން ޝޯއެކެވެ. އޭގައި 12 ގައުމަކުން ވާދަކުރި އެވެ.
ޝޯގެ އެއްވަނަ ލިބުނީ މޮރިޝަސްގެ "އެބަނެޒް" އަށެވެ. ދެވަނަ އަކީ ސްރީ ލަންކާގެ "ނައިޓްސް" އެވެ.
"ޓޫ އޮފް އަސް" އަކީ ފަސް މެންބަރުން ހިމެނޭ ބޭންޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓެއްގެ ގޮތުގައި އަހުމަދު އަދުހަމާއި ޑްރަމަރު އަބްދުﷲ ޝަމްރޫހާއި ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ގެ އިތުރުން ވޯކަލިސްް އަދި ބަސިސްޓް އަހުމަދު ޖަޝީމެވެ.