ދުނިޔެއާ ވަކިވެގެންދާ އިރު، ބޭނުން ވަނީ އަމިއްލަ މިލްކިއްޔާތުގައި ހުރި ފައިސާގެ 99 ޕަސެންޓް ހައިރާތަށް ހޭދަކޮށްފައި ދާން ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.
އޭނަގެ ބްލޮގްގައި އިއްޔެ ގެނެސްދެއްވި ލިޔުމެއްގައި ވިދާޚުވީ މިހާތަނަށް ވެސް މިލްކިއްޔާތުން ހިލޭ ސާހަޖަށް އެކި ދާއިރާތަކަށް ބޮޑެތި އަދަދުތަކުން އެހީވެފައި ވާނެ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ އާއި ތަރައްގީއާ ގުޅުން ހުރި އެކިއެކި ޕްރޮޖެކްޓްތަކަށް އަމިއްލަ ފައުންޑޭޝަން މެދުވެރިކޮށް މިހާތަނަށް 100 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް މަޝްހޫރު ކުންފުނި މައިކްސޮފްޓްގެ ބާނީންގެ ތެރޭގައި ގޭޓްސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މަރުވެގެންދާ އިރު މިލް،އްޔާތު 'ބައްކޮށްގެން" ހުރި މީހެއްގެ ލަގަބު ބޭނުން ނުވާ ކަމަށެވެ. އެހެންވެ ހައިރާތަށް އާންމު އުިސޫލުގެ ދަށުން ކުރާ ހޭދައިގެ ދަށުން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ 2045 އާ ހަމައަށް އަންނަ އިރު މިލްކިއްޔާތު ސުމަކަށް ވެއްޓުމަކީ ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށް ގޭޓްސް، 69، ވިދާޅުވި އެވެ.
އޭނަ އާއި ކުރީގެ އަނބިކަނބަލުން މެލިންޑާ ހިއްސާވާ ގޭޓްސް ފައުންޑޭޝަނަކީ އެ މީހުން ވަކިވެ ދިއުމަށް ފަހު ވެސް ހައިރާތަށް ހޭދަކުރުމުގައި ދެމިއޮންނާނެ ފައުންޑޭޝަނަކަށް ވާން ބޭނުން ކަމަށެވެ. ގޭޓްސް ވިދާޅުވި ގޮތުގައި ބޮޑެތި މަޖުހަނުން އެ މީހުންގެ ތަނަވަސްކަމުން ދުނިޔެ އަށް ހެޔޮ ބަދަލުތަކެއް ގެންނަން އެހީވުމަކީ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ވެސް ކަމަށެވެ.
އެހެންވެ މަހުޖަނުން އެ އުސޫލުގެ ސާބިތުވެ ތިބުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ބްލޫމްބާޣް ބިލިއަނާސް އިންޑެކްސް އިން ދައްކާ ގޮތުގައި ތިން ކުދިންގެ ބައްޕަ ގޭޓްސް އަކީ މިހާރު ފަސް ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނަގެ މިލްކިއްޔާތަކީ މިހާރު 108 ބިލިއަން ޑޮލަރެވެ.