Last Updated: May 20, 22:41
Tuesday, May 20, 2025
މުނިފޫހިފިލުވުން

ކަންގަނާ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނަވާތު ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ސޮއިކޮށްފައި ވަނީ "ބްލެސްޑް ބީ ދި އީވިލް" ކިޔާ ސައިކޮލޮޖިކަލް ހޮރޯ ތުރިލާއަކަށެވެ. ލަޔަންސް މޫވީސް އިން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާ ދަރިކޮޅު އެމެރިކާގެ ޑައިރެކްޓަރެއް ކަމަށްވާ އަނޫރާގް ރުދުރާ އެވެ.

ވެރައިޓީން ބުނި ގޮތުގައި "ބްލެސްޑް ބީ ދި އީވިލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަނޫރާގާއި ސްކްރީން ރައިޓަރު ގާތާ ތިވާރީ ގުޅިގެންނެވެ.

ކަންގަނާއާ އެކު ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސިލްވެސްޓަ ސްޓެލޯންގެ އަންހެން ދަރިފުޅު، ސްކާލެޓް ރޯޒް ސްޓެލޯން އާއި "ޓީން ވުލްފް" ގެ ތަރި ޓައިލާ ޕޯސީ ހިމެނެ އެވެ.

ވެރައިޓީން ބުނީ "ބްލެސްޑް ބީ ދި އީވިލް" ވާނީ ހޮލީވުޑާއި ބޮލީވުޑްގެ މަސްހުނި ކާސްޓެއް އެކުލެވޭ ފިލްމަކަށް ކަމަށެވެ. ނަމަވެސް ފިލްމުގެ މަަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެެއް ނުކުރެ އެވެ.

ހޮލީވުޑްގެ ފިލްމަކަށް ކަންގަނާ ސޮއިކުރި އިރު، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް އޭނަ ކުރިން އެތައް އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އެކްޓަރެއްގެ އިތުރުން މިހާރު ފިލްމު، ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކުރާ ކަންގަނާގެ އެންމެ ފަހުގެ އޭނަ ޑައިރެކްޓްކޮށް، ކުޅެ ޖެނުއަރީ މަހު ގެނެސްދިން ސިޔާސީ ފިލްމު "އިމަޖެންސީ" އެވެ.

ކަންގަނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ދާދ ފަހުން ޝޫޓިން ނިންމައިލި ސައިކޮލޮޖިކަލް ތުރިލާއެއް ހިމެނެ އެވެ. ނަން އަދި ހާމަނުކުރާ އެ ފިލްމުގެ ބަތަލަކީ އާރް މާދުވަން އެވެ.

އިންޑިއާގެ މިހާރުގެ ހުނަރުވެރި ބަތަލާއިންގެ ތެރެގައި ހިމެނޭ ކަންގަނާ އަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލީކް ސަބާގެ މެންބަރެކެވެ. ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި އޭނަ ތަމްސީލު ކުރަނީ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ މަންޑީ ދާއިރާ އެވެ.