Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ނަމާދަކީ ގިޔާމަތުގެ ބިރުވެރިކަމުން ސަލާމަތްކޮށްދޭނެ ވަސީލަތެއް

ނަމާދަކީ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ތަގުވާވެރީންނަކީ، މާތްﷲ ހަނދުމަކުރާ މީހުން"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ މާތްﷲ އަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށާއި މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ ކީރިތި ނަބިއްޔާ މިޢުރާޖު ކުރެއްވުނު ރޭ މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތްﷲ ގެ ބަސް ވަހީކުރައްވައިގެން ކަމަށެވެ.

އަޅާގެ އަމަލުތަކުގެ ތެރެއިން، ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށާއި ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

"މާތްﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމުކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝު އަމަލުތައް. ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝު އަމަލުތައް. މި އަމަލުތަކަކީ ޝައިތޯނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތައް،" ހުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ބިރުވެރިކަން ބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށާއި އެއީ، މާތްﷲ ގެ ޙަޟުރަތަށް މީސްތަކުން ހާޒިރުކުރެވޭނޭ އަދި ހިސާބު ބައްލަވާ ދުވަސް ކަމަށެވެ. އެއީ ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށާއި ދުންޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި، ކުރެވޭން އޮތް ކޮންމެ ކަމެއް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ބައެއް އިންސާނުން އަދާވާތްތެރީންގެ ހަމަލާތަކާއި، މަރު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ، ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އެފަދަ ކިއްލާތަކުގައި ބިންގަރާސް ހަދައިގެން ވެސް ދިރިއުޅޭ ކަމަށެވެ. އެއީ، ރައްކާތެރިކަން ލިބޭނޭކަމަށް އުންމީދުކޮށްގެން ކަމަށް ބުންޏެވެ.

ހުތުބާގައި ވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައް ކުރުން މަތީ ތިޔަބައިމީހުން ގާއިމުވެތިބުމަށް ޚުތުބާގައި ވަނީ ގޮވައިލާފަ އެވެ.