Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. އަށް

މ. މުލީގައި އަލަށް ހެދި އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ ހަފްތާގައި ފަށާނެކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަނުން ބުނީ މުލީ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހު 17ވާ ހޮނިހިރު ދުވަހު ކަމަށެވެ. މި ދަތުރަށް ބުކް ކުރުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

މުއްޔަށް އެއްކޮޅަށް ފެއާގެ އަގުތައް ފެށޭ އަގަކީ 1377 ރުފިޔާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނީ މުލީ އެއާޕޯޓަށް ކޮމާޝަލް އޮޕަރޭޝަން ފެށުމަށް ތިން އެއާލައިނަކަށް ދައުވަތު ދީފައިވާ ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ އިތުރުން މަންޓާ އެއާ އެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވީ މިދިޔަ މަހުގެ 25 ގަ އެވެ.

މި އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.