Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ޔުމްނުގެ ބަޔާން ވީ އެންމެ އަވަހަކަށް ނަގަން ބޭނުން

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނަގަން ބޭނުންވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޔުމްނު އަންނަނީ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުންނެވެ.

މީޑިއާތަކަށް ހާއްސަކޮށް ފުލުހުން ހިންގާ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އޭނާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ޔުމްނުއާ ސުވާލުކުރަން ބޭނުންވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެރޭ ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފަ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތައަކު ރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބުނީ ޔުމްނު އެރޭ ހިނގި ހާދިސާގެ ކަންކަން ކިޔައިދީފައިވާ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ދިން ދައުވަތަކަށް ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ގޭގައި އެރޭ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރަށް ހަތަރު މީހަކު އުޅުނުކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.

"އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.

"އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީކީ،"

މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދަން އާއިލާއިން ބޭނުންވާ ކަމަށާއި ފުލުހުން މިކަމުގައި ހަދާފައިވާ ދޮގު ކަމަށްވެސް ދައްތަ ބުންޏެވެ.