Last Updated: May 20, 22:41
Wednesday, May 21, 2025
ޚަބަރު

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ

ކުޑަކުދިންގެ އަދުލުގެ ގައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ވިލާ ނޯޓިކަލް މޯލްޑިވްސް ރިސޯޓުގައި ފަށާ އެ ކޮންފަރެންސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބާއްވާ މި ކޮންފަރެންސް އަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މިފަދަ ފުރަތަމަ ކޮންފަރެންސް އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަހާސިންތާ ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ހައްލު ހޯދުމާއި ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުންވެސް ހިމެނެ އެވެ.

މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.