އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ އިރު، މިކަމަށް އެޅިފައި އޮތް އެންމެ ބޮޑު ހިޔަންޏަކީ ލިންކް ރޯޑް ސަރަހައްދުގައި އޮތް ބޮޑު ކުނިކޮށި ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންވައް ވީޑިއޯ މެސެޖަކުން ހިއްސާކުރައްވައި އޭނަ ވިދާޅުވީ ލިންކް ރޯޑުގެ ބޮށު ސަރަހައްދަކަށް ހާމަކަން ބޮޑުކޮށް ފެތުރިފައި އޮތް މި ކުނިކޮށީގެ ސަބަބުން ވާ އުނދަގޫތަކުގެ ޝަކުވާ ރައްޔިތުން ވެސް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
އައްޑޫ ޕޮލިސް ކޮލެޖް ކައިރީ، ރުއްޖެހެރެ ސަރަހައްދުގައި އޮތް ކުނިކޮށި މިހާރު އެ އޮތްގޮތަށް ބޮޑެތި "ކުނި ފަރުބަދަތަކާ" އެކު ކުރިއަށް ގެންދާތާ 25 ވަރަކަށް އަހަރުވެއްޖެ އެވެ.
"އައްޑޫ ސިޓީ ފަތުރުވެރި ކަމަށް މާކެޓް ކުރުމަށް އަޅުގަނޑުމެންނަށް ބުރަ މަސައްކަތްތަކެއް ކުރެވި ބޮޑު ހޭދައެއް ކުރެވިގެންދާ އިރު، މި ކުނިކޮށި ނުވަތަ ކުނި ޖަމާކުރެވޭ މި ސަރަހައްދަކީ މިކަމަށް ބޮޑު ހިޔަންޏެއް އެޅިގެންދާ ކަމެއް." މޭޔަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި އައްޑޫގެ މަލަމަތި ރީތިކުރަން ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ކުނިކޮށި ކަމަށެވެ. މޭޔަރު ވިދާޅުވީ މި ކުނިކޮށީގެ މައްސަލަ އަށް ހައްލެއް ހޯދަން މިދިޔަ ސަރުކާރުން 21 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން އައްޑޫގައި ކުނި މެނޭޖްކުރާ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
އެ ފެސިލިޓީ އަކީ ކުނި އަންދައިގެން ހަކަތަ ވެސް އުފެއްދޭ ގޮތަށް ހަދާފައިވާ ފެސިލިޓީއެކެވެ. އަދި އެތަނުގެ އިދާރީ މަސައްކަތްތަކަށް 20 ވަރަކަށް މުވައްޒަފުންގެ އިތުރުން ތަމްރީނު ހޯދާފައިވާ ޓެކްނިކަލް މުވައްޒަފުންތަކެއް ވެސް ތިބިކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"މިހެން މިކަން އޮތް އިރު، އަޅުގަނޑުމެންނަށް ފެންނަނީ މި ފެސިލިޓީ ބޭނުން ނުކޮށް އަދިވެސް، ގުޅިފައިވާ ހުރިހާ ރަށަކުން ހުރިހާ ކުންޏެއް ގާތްގަނޑަކަށް ކުނިކޮއްޓަށް އެއްކުރެވޭ ތަން،" އޭނަ ވިދާޅުވި އެވެ. "ނަތީޖާއަކަށްވެފައި އޮތީ ލިންކް ރޯޑު މި ސަރަހައްދުން ދުއްވަން އުނދަގޫވާ ވަރަށް [ނުބައި] ވަސް ހުރުމާއި އަދި ދޭތެރެ ދޭތެރެ އިން މި ކުނިކޮށީގައި އަލިފާނުގެ ހާދިސާތައް ވެސް ހިނގަމުން ދިއުން. މީގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ހުރި އެތައް ކަންތައްތަކެއް އެބަ ހިނގާ. އަނެއްކާ އަލިފާނުގެ ހާދިސާއެއް ހިނގައިފިއްޔާ އެއްކޮށް ނިއްވާލަން މަސްތަކެއް އެބަ ނަގާ."
ނިޒާރު ވިދާޅުވި ގޮތުގައި މައްސަލަ އަކީ ކުނި މެނޭޖް ކުރާނެ ހަރުދަނާ ނިޒާމެއް ނެތި އައްޑޫގައި އެކަން ދޫކޮށްލައިފައި އޮތުމެވެ. އަދި އެއީ އެކަން ވާންވީ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ. އެހެންވެ ބޮޑު ހޭދައެއްކޮށްގެން ހަދާފައި ހުރި ކުނި މެނޭޖްކުރާ ފެސިލިޓީ ވެމްކޯ އިން ބޭނުންކޮށް، އެ ވަސީލަތުގެ ބޭނުން ހިފަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"ވެމްކޯ އިން އެތަން ބޭނުން ކުރަން ފަށަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ތަން ކަމިޝަންކޮށް، ތަނުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ކުރެވޭ ގޮތަށް އެތަން ހުރީ،" މޭޔަރު ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ މިހާރު މަސައްކަތް ފަށަން ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ކުރަން ޖެހޭތީ ބޭނުން ނުކޮށް ހުރި ކަމަށް."
މޭޔަރު ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ކުނި މެނޭޖްކުރާ ފެސިލިޓީ އަކީ އެ ސިޓީގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށް ވެސް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ ރީޖަނަލް ފެސިލިޓީއެކެވެ.
"މިއީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ހަދާފައި ބޭނުން ނުކޮށް ދޫކޮށްލާވައި ބަހައްޓަންވާ ވަރުގެ ތަނެއް ނޫން." ނިޒާރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކައުންސިލްގެ އެދުމަކީ މިހާރު އޮތް ބޮޑު ކުނިކޮށި އެ ސަރަހައްދުން ނަގައި، މިކަންް ހައްލުކޮށް ދޭން ވެމްކޯ އިން މަސައްކަތްކޮށް ދިނުން ކަމަށެވެ. އޭނަ ވިދާޅުވީ މިހާތަނަށް މިކަމުގައި ވަރަށް ގިނަ ފަހަރު މަތިން މަޝްވަރާތަކެއް ވެސް ކުރެވިފައިވާ އިރު، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށެވެ.
އައްޑޫ ކައުންސިލުން އަންނަނީ "އައްޑޫ، ބިޔޯންޑް ދި އީކްއޭޓާ" ގެ ނަމުގައި އައްޑޫ މަންޒިލެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ އިން ބޭރުގައި ބޭއްވި ބޭރުގެ ބައެއް ޓޫރިސްޓް ފެއާތަކުގައި ވެސް އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ.
އެހެންވެ މިކަން ކުރިއަރުވަން އައްޑޫގެ ކުނިކޮށީގެ މައްސަލަ އަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.