އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ހޮލީވުޑްގެ އިރޮޓިކް ޓްރިލޮޖީ "ފިފްޓީ ޝޭޑްސް" ގެ ޑައިރެކްޓަރު ޖޭމްސް ފޯލީ މަރުވެއްޖެ އެވެ.
މި މަހުގެ 6 ގައި އޭނަ މަރުވި އިރު އުމުރަކީ 71 އަހަރެވެ.
ނިއު ޔޯކަށް އުފަން ޖޭމްސް، ލޮސް އެންޖެލިސްގައި މަރުވީ ނިދީގެ ތެރޭގައި ކަމަށް އޭނަގެ ތަރުޖަމާނު ބުންޏެވެ. ޖޭމްސް އަކީ ގިނަ ދުވަސްތަކެއް ވަންދެން ސިކުނޑީގެ ކެންސަރަށް ފަރުވާ ވެސް ހޯދާފައިވާ މީހެކެވެ.
"ފިފްޓީ ޝޭޑްސް" ގެ ތިން ފިލްމުގެ ތެރެއިން 2017 ގެ "ފިފްޓީ ޝޭޑްސް ޑާކާ" އާއި 2018 ގެ ފިފްޓީ ޝޭޑްސް ފްރީޑް" ޑައިރެކްޓްކުރީ ޖޭމްސް އެވެ. މި ޓްރިލޮޖީގެ ފުރަތަމަ ބައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" 2015 ގައި ގެނެސްދިނީ ސޭމް ޓޭލާ-ޖޯންސަން ޑައިރެކްޓްކޮށެވެ.
ޖޭމްސް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ހޫ އިޒް ދެޓް ގާލް؟" އާއި "ދަ ކޮރަޕްޓާ" އާއި "ކޮންފިޑެންސް" އަދި "ޕާފެކްޓް ސްޓްރޭންޖާ" ވެސް ހިމެނެ އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން މަޝްހޫރު ވެބްސީރީޒް "ހައުސް އޮފް ކާޑްސް" ގެ 12 އެޕިސޯޑް ވެސް ޖޭމްސް ޑައިރެކްޓްކޮށްފައިވެ އެވެ.
"ފިފްޓީ ޝޭޑްސް ފްރީޑް" އަކީ އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ ލަވަތަކެއްގެ މިއުޒިކް ވީޑިއޯތަކެއް ވެސް ޖޭމްސް ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ޕާޕާމ ޑޯންޓް ޕްރީޗް"، ލައިވް ޓު ޓެލް" އަދި "ޓުރޫ ބްލޫ" ހިމެނެ އެވެ.