Last Updated: May 10, 06:28
Saturday, May 10, 2025
ޚަބަރު

2028ގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން

އުންމީދަކީ 2028 ވަނަ އަހަރުން ފެށިގެން، ސަރުކާރު މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުންނަށް ވަކި އުސޫލެއްގެ ދަށުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތަށް ބަދަލު ގެނައުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ 2.0 ގެ ނަމުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ބާއްވާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ
ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒު ކަމަށާއި ޑިޖިޓަލައިޒޭޝަންގެ އަމާޒަށް ވާސިލްވުމުން އޮފީހުގައި ތިބެގެން ޚިދުމަތް ދޭން ތިބެންޖެހޭ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެވެ.

އެގޮތުން 2028 ވަނަ އަހަރު ފެށޭ ހިސާބުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން، ހަފުތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި، ވަގުތު ހަމަކުރަން އޮފީހަށް އަންނަ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް 2.0 އާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ މައިލްސްޓޯންތަކެއް ހާސިލުކުރުމަށް ވަނީ ރޭވިފަ އެވެ. މީގެ ތެރޭގައި މިހާރު ބޭނުންކުރާ އައިޑީ ކާޑު، ސްމާޓް ޑިޖިޓަލް ކާޑަކަށް ބަދަލުކުރުން ހިމެނެއެވެ. މި ކާޑަކީ ހުރިހާ ސަރުކާރުގެ ޚިދުމަތްތަކާ ގުޅިފައިވާ، އެ މީހެއްގެ އެންމެހައި މަޢުލޫމާތު ހިމެނޭ ކާޑަކަށް ވެގެންދާނެ އެވެ.

"އަޅުގަނޑުމެންގެ ޚިދުމަތުގެ ނިޒާމު ވަރުގަދަކުރެވި، ކޮރަޕްޝަންގެ ވަބާއިން ދުރުކުރެވި، އަވަސްކުރެވި، ދެ ފުށް ފެންނަ ގޮތަށް ބަދަލުކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައުމުގެ ނިޒާމު ބަދަލުނުކޮށް ކޮރަޕްޝަން އިން ސަލާމަތް ވެވޭކަށް ނެތް ކަމަށާއި މި ގައުމަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހަދަން ބޭނުންވާ ނަމަ މި ކަމުގައި އެންމެ އެކީ އަތު ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ރަސްމިއްޔާތުގައި ދައުލަތުގެ ތިން ބާރު ބައިވެރިވެވަޑައިގަތުމަކީ އުފާފުޅު ކުރައްވާ ކަމެއް ކަން ފާހަގަކޮށް ގައުމު ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ނުކޮށް ކޮރަޕްޝަނުން ސަލާމަތް ވެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.