ޕާކިސްތާނުން އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށައިފި އެވެ.
ޕާކިސްތާނުން މި ހަމަލާތައް ދޭން ފަށާފައިވަނީ އިންޑިއާ އިން ޕާކިސްތާނުގެ ސިފައިންގެ ތިން މަރުކަޒަކަށް ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ހަމަލާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކައިރީގައި ހުރި މަރުކަޒަކަށް ވެސް އަމާޒުކޮށްފައިވެ އެވެ. މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ޕާކިސްތާނުން "އޮޕަރޭޝަން ބުންޔާނުން މަރްސޫސް" ގެ ނަމުގައި ދޭން ފެށި ހަމަލާތައް އިންޑިއާގެ އެއާ ބޭސްތަކަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އަދި އިންޑިއާގެ ޕަންޖާބު ޕްރޮވިންސްގެ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް ސްޓޯރޭޖް ފެސިލިޓީއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ޕާކިސްތާނު އަސްކަރިއްޔާ އިން ބުނެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މަސްރަހު ހޫނުވެފައިމިވަނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލުމުންނެވެ.
މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް) އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ. ނަމަވެސް އިންޑިއާގެ މި ތުހުމަތުތައް ޕާކިސްތާނު ސަރުކާރުން ދޮގުކުރެ އެވެ.
ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އޭގެތެރޭގައި އިންޑިއާ ހިއްސާކުރާ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ ގޮތަށް އޮންނަ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާއި، އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުން ހިމެނެ އެވެ.