ދަރީން ހެޔޮ ގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ހިތާބުގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއް ބަޔަކީ ކުޑަކުދިން ކަމަށެވެ. އަދި އެކުދިން ތައްޔާރުވަމުން އެ ދަނީ، މުސްތަޤްބަލުގައި މި ޤައުމުގެ ކަންކަމާ ހަވާލުވާން ކަމަށާއި ވެ. ހަރުދަނާ ޖީލެއްގެ ގޮތުގައިއެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ވިދާޅުވި އެވެ.
"ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ޙަޤީޤަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައިކަން،" ރައީސް ވިދާޅުވި އެވެ. "އެ ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށްކަން."
ރައީސް ވިދާޅުވީ ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން ކަމަށާއި ބޮޑެތި މީހުންނާމެދު އެ ކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުން ކަމަށެވެ. އަދި އެ ކުދިންގެ މަޢުޞޫމުކަން އަބަދުވެސް ޖާގަ ދޭނީ، ދޮށީ މީހުންގެ ބަސް އެހުމާއ އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް. ގޭތެރެ އާއި، މަގުމައްޗާއި، މި ނޫން ކޮންމެ ތަނަކުން ވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް،" ރައީސް ވިދާޅުވި އެވެ. "ޒަމާނަށް ފެތޭނެ، މާދަމާ އަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައި ދޭން. ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުން."
އެ މަނިކުފާނު ވިދާޅުވީ ކުޑަކުދިންނަށް ދޭން އޮތް ނަސޭހަތަކީ، މިއީ އެ ކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބަހައްޓައި ކޮންމެ ދުވަހަކު ވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުން ކަމަށެވެ. އަދި އެއް ދުވަހަށް ވުރެ ކާމިޔާބު އަނެއް ދުވަސް ހޯދަން ޢަޒުމު ކަނޑައަޅަން ޖެޖޭ ކަމަށް ވިދާޅުވި އެވެ.
"ފަރުޟު ފަސް ނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުން. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެ ވެސްވުން،' ރައީސް ވިދާޅުވި އެވެ. "ވަގުތު ބޭކާރު ނުކުރުން. ޞިއްޙީ އާދަތަކުގައި ހިފުން. ބަސްއަހާ ކިޔަމަންތެރި ކުދިބަ ޔެއްގެ ގޮތުގައި ދެމިތިބުން ނަސޭހަތަކީ."
ރައީސް ވިދާޅުވީ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.
"ދިވެހި ކޮންމެ ކުޑަކުއްޖަކަށް، ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް އެދެން." ރައީސް ވިދާޅުވި އެވެ.