ގޫގުލް މެޕްގައި "ގަލްފް އޮފް މެކްސިކޯ" ގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކޮށްފައިވާތީ މެކްސިކޯ އިން ގޫގުލް އަށް ދައުވާކޮށްފި އެވެ.
މިކަން ކަށަވަރުކޮށް ދެއްމުން އެ ގައުމުގެ ރައީސް ކްލައުޑިއޯ ޝެއިންބޯމް ވިދާޅުވީ ގޫގުލް ހިންގާ ކުންފުނި އަލްފަބެޓަށް ދައުވާކުރަން ނިންމީ ނަން ބަދަލުކުރި މައްސަލަ އިސްލާހުކޮށް ދޭން ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް އިޖާބަ ދީފައި ނުވާތީ ކަމަށެވެ.
"އެހެންވެ އެ މައްސަލަ މިހާރު އޮތީ ކޯޓަށް ހުށަހަޅާފައި." އިތުރު ތަފުސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވި އެވެ.
ގޫގުލް މެޕްގައި "ގަލްފް އޮފް މެކްސިކޯ" ގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރި އިރު، މި އަހަރުގެ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެކްސިކޯ އަކީ އެމެރިކާގެ ބައެއް ކަމަށް ދައުވާކޮށް، ނަން ބަދަލުކުރުމު ގަރާރެއް ވެސް ނެރެފަ އެވެ.
އެގޮތުން ނަން ބަދަލު ކުރަން މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ވޯޓް ވެސް ދެއްވައިފަ އެވެ.
މެކްސިކޯގެ ރައީސް ވިދާޅުވީ "ގަލްފް އޮފް އެމެރިކާ" އަކީ މުޅި "ގަލްފް އޮފް މެކްސިކޯ" އަށް ނިސްބަތް ނުކުރެވޭނެ ކަމަށާއި އެ ހައިސިއްޔަތެއް އެމެރިކާ އަށް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ އަށް "ގަލްފް އޮފް އެމެރިކާ" ބޭނުން ކުރެވޭނީ އުތުރު އެމެރިކާ ބައްރުގެ ވަކި ސަރަހައްދަކަށް ކަމަށް ކްލައުޑިއާ ވިދާޅުވި އެވެ.
ނަމުގެ މައްސަލައިގައި ރައީސް ވަނީ އެމެރިކާ އަކީ "މެކްސިކަން އެމެރިކާ" ގެ ގޮތުގައި ވެސް ސިފަކުރައްވައިފަ އެވެ.