ސަބުދެއްޔަކީ އަހަރެމެންގެ ތެރޭގައި މިހާރު ޑިމާންޑް ބޮޑު މޭވާއެއް ނޫން ނަމަވެސް، އިހުގައި އަހަރެމެންގެ ކާބަފައިން ކައި އުޅުނު އަހަރެމެންގެ ދަނޑު ތަކުގައި ފަސޭހައިން ހެއްދިދާނެ އަދި އަވަހަށް މޭވާ ލިބޭ ގަހެކެވެ. އަދި ސަބުދެއްޔަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ މީރު މޭވާ އެކެވެ.
އެގޮތުން ސަބުދެލިން ވިޓަމިން އޭ، ވިޓަމިން ސީ، ފައިބަ، ލިއްބައިދޭ އިރު މިއީ ނިއުޓްރިޝަން އެކުލެވިގެންވާ މޭވާއެކެވެ. އަދި އެެިން އެކި ބާވަތްތަކުގެ ބުއިންތަކާއި ކާތަކެތި ތައްޔާރުކޮށް ލެވިދާނެ އެއްޗެކެވެ. އެހެންކަމުން މި ހަފްތާގެ ގަހުގެ ގޮތުގައި މި ހިމަނާލަނީ ސަބުދެލި ގަހާ ބެހޭ މައުލޫމާތެވެ.
ސަބުދެއްޔަކީ ފަރުވާތެރިކަމާ އެކު ބަލަހައްޓައިގެން ހެއްދޭ ގަހެކެވެ. ސަބުދެލި ރަނގަޅަށް ހެދޭނީ ކަޅު ފަސް ހުންނަ ފުން ބިންބިމުގަ އެވެ. ސަބުދެލިގަސް ގިނަކުރަނީ އޮށްއިންދައިގެން ނުވަތަ ގޮފި ގްރާފްޓްކޮށް (ގޮފިގުޅުވައިގެން) ގެންނެވެ. އޮށްއިންދައިގެން ހައްދާގަހުގައި މޭވާ އަޅާނީ 7-10 އަހަރު ތެރޭގައެވެ. ގްރާފްޓްކޮށްގެން ގަސްހެއްދުމުން 3 އަހަރު ތެރޭގައި ސަބުދެލި އަޅަންފަށައެވެ.
* އިންދާ ހެއްދުން:
މި ގަސް މުޑުވައްކުރުމަށް އޮށް އިންދާ ނަމަ އެންމެ ކުރިން އިންދާނީ ނާސަރީއެއްގަ އެވެ. ތާޒާ މޭވާއަކުން އޮށް ނަގައިގެން އިންދާނަމަ 3-4 ހަފްތާގެ ތެރޭގައި ގަސްފަޅާނެއެެވެ. ގަސްފަޅާތާ ½ 2 މަސްވުމުން ޕްލާސްޓިކް ކޮތަޅަކަށް ނުވަތަ މުށިގަނޑަކަށް ބަދަލުކުރާށެވެ.
މުށިގަނޑު/ކޮތަޅަށް ބަދަލުކުރާތާ 12-16 މަސް ދުވަހުގެ ތެރޭގައި ގަސްއިންދަން ބޭނުންވާ ތަނެއްގައި ގަސް އިންދާށެވެ. މިގޮތަށް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރާއިރު ގަސް ނަގަން ވާނީ ފަރުވާތެރިކަމާ އެކީގައެވެ. އެހެން ނޫން ނަމަ ގަހުގެ މައިމުލަށް ގެއްލުންލިބި، ގަހަށް ހެދެން އުދަނގޫ ވާނެ އެވެ.
ގަސް އިންދާނީ ދެ ގަސް ދޭތެރޭގައި 10 ފޫޓް ހުންނަ ވަރަށެވެ. ގަސް އިންދާ އިރު ފަސްގަނޑު ރަނގަޅު ކުރުމަށް ކާދު ނުވަތަ ތައްޔާރީ ގަސްކާނާ އަޅަން ޖެހެ އެވެ. ގަސް އިންދުމަށް ފަހު އެއް މަސް ދުވަސް ވަންދެން ދުވާލަކު އެއް ފަހަރު ގަހަށް ފެންދޭންޖެހޭނެއެވެ. ނަމަވެސް ހޫނުގަދަ މޫސުމުގައި ދުވާލަކު ދެފަހަރު ގަހަށް ފެން ދޭންވާނެ އެވެ. ގަސް އިންދުމަށް ފަހު އެއް މަސް ދުވަސް ވަންދެން ގަސް ހިޔާކުރުން ބޭނުމެވެ. މީގެ އިތުރުން މި ގަހަކީ ގްރާފްޓްކޮށްގެން ނުވަތަ ގޮފީގައި ވެލި ބަދެގެން ވެސް ހެއްދިދާނެ ގަހެކެވެ.
* އާންމުކޮށް ޖެހޭ ބަލިތަކާއި ފަރުވާ؛
ސަބުދެއްޔަށް ޢާންމު ގޮތެއްގައި ޖެހޭ ބަލިތައް ވަރަށް މަދެވެ. އެގޮތުން އާންމުކޮށް މިގަހުން ފެންނަނީ ހުދު ކޫޑި އެވެ. މިއީ ބުރަކަށިމަތި ފުށްކޮށް ހުންނަ ކުދި ކޫޑިއެކެވެ. ގިނައިން މިކޫޑި އަޅާފައި ހުންނަނީ ފަތުގެ ދަށުގައާއި މޭވާގައެވެ. ގިނައިން މި އެޅުމުން ގަހުގެ ފަތްތަކާއި ތޮށިގަނޑު ދޮންވެ އެވެ.
ބަލި ނައްތާލުމަށް ދެވިދާނެ ފަރުވާ: ސައިބޯނިފެނުން ނުވަތަ އިންސެކްޓިސައިޑަކުން ސްޕްރޭކުރާށެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ