"މައްކާ ރޫޓް އިނީޝިއޭޓިވް" ގައި ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. މީގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެ އެވެ. އަދި އްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލް ލިބި، އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވެގެން ދާނެ އެވެ.
މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެން ދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ސަޢޫދީން މިހާތަނަށް "މައްކާ ރޫޓް އިނިޝިއޭޓިވް" އިން ފުރުޞަތު ދީފައި ވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރާއްޖެއިން އެވްރެޖްކޮށް ހައްޖަށް ދަނީ އަހަރަކު 1،000 މީހުންނެވެ.
"މައްކާ ރޫޓް އިނިޝިއޭޓިވް" ގައި ރާއްޖެ ހިމެނުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ޝުކުރު ވެސް އަދާކުރައްވައިފައެވެ. އަދި ސަައުދީގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާ އާއި އިންޓީރިއާ މިނިސްޓަރު ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ، 'ސަޢުދީ ވިޝަން 2030" ގައި ހިމެނޭ ކަމެކެވެ. މީގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
މައްކާ ރޫޓް އިނީޓިއޭޓިވް އިން ލިބޭ ފަސޭހަތައް:
* ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެ ގޮތް މަގުފަހިވުން.
* މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
* މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ސަޢޫދީ ޢަރަބިއްޔާ އެއާޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
* ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓާމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށް ދިނުން.
"މައްކާ ރޫޓް އިނިޝިއޭޓިވް" ގައި ރާއްޖެ ހިމަނައި ދޭން އިސްލާމިކް މިނިސްޓްރީން އެދުނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.